ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗެމްޕިއަންސް ލީގު: ވިނީޝިއަސްގެ ދެ ގޯލާއެކު މެންޗެސްޓާ ސިޓީ ކަޓުވާލައި ރެއާލް މެޑްރިޑް ކުއާޓާއަށް

ޗެމްޕިއަންސް ލީގު: ވިނީޝިއަސްގެ ދެ ގޯލާއެކު މެންޗެސްޓާ ސިޓީ ކަޓުވާލައި ރެއާލް މެޑްރިޑް ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުގައި 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް، އެގްރިގޭޓް 5-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. މިއީ ފާއިތުވި ފަސް ސީޒަނުގެ ތެރޭގައި ރެއާލް އަތުން ސިޓީ ބަލިވި ހަތަރުވަނަ ފަހަރެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ސިޓީން ނުކުތީ ފުރަތަމަ ލެގުގައި 3-0 އިން ބަލިވެފައި އޮތުމުން ބޮޑު ގޮންޖެހުމަކާ އެކުގައެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ސިޓީގެ ކެޕްޓަން ބެނާޑޯ ސިލްވާ ގޯލް އޭރިއާގެ ތެރެއިން އަތުން ބޯޅަ ހުއްޓުވުމާ ގުޅިގެން އޭނާއަށް ވަނީ ރެފްރީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މިއާއި އެކު ސިޓީގެ މުޅި ގޭމް ޕްލޭނަށް ނޭދެވޭ އަސަރުތަކެއް ކޮށް މެޗު އިތުރަށް އުނދަގޫވެގެން ދިޔަ އެވެ.

ބެނާޑޯ ސިލްވާ ކުރު މި ކުށަށް ރެފްރީ ދިން ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާލިން ހާލަންޑް ގޯލެއް ޖަހައި ސިޓީއަށް އުންމީދެއް ހޯދައިދިން ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވިނީޝިއަސް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި ރެއާލް މޮޅުކޮށްދީފަ އެވެ. މިއީ ސިޓީ ރެއާލް އަތުން ޖެހިޖެހިގެން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ތިންވަނަ އަހަރެވެ.

ލަލީގާގައި ރެއާލްގެ ފޯމު އެހާ ރަނގަޅު ނޫން ނަމަވެސް، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި އެ ޓީމަކީ އަބަދުވެސް ނުރައްކާތެރި ޓީމެއްކަން މިވަނީ ސާބިތުކޮށްދީފައެވެ.

މި މެޗުގައި އަނިޔާއިން ރަނގަޅުވެ މިރޭ މެޗަށް ނެގި ސްކޮޑުގައި އެމްބާޕޭ ހިމެނުނު ނަމަވެސް ރެއާލްގެ ކޯޗު އަލްވާރޯ އަރްބެލޯއާ އޭނާއަށް ފުރުސަތު ދީފަ އެއް ނުވެއެވެ. މެޗް ކާމިޔާބު ކުރީ އެމްބާޕޭ ބެންޗުގައި ބައިންދައިގެންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޖޫޑް ބެލިންހަމް ވެސް ކުޅެފަ އެއް ނުވެއެވެ. އެހެން ނަމަވެސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ޖޫޑް ބެލިންހަމް ފިޓްވާނެ ކަމަށް ބެލެވެ އެވެ.

ކުއާޓާ ފައިނަލުގައި ރެއާލް ނުކުންނާނީ ބަޔާން އާއި ދެކޮޅަށެވެ.