ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސެނެގާލް އަތުން އެފްކޮން ތަށި އަތުލައި މޮރޮކޯއަށް ޗެމްޕިއަންކަން ދީފި

ސެނެގާލް އަތުން އެފްކޮން ތަށި އަތުލައި މޮރޮކޯއަށް ޗެމްޕިއަންކަން ދީފި

މީގެ ދެ މަސް ކުރިން ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، ސެނެގާލް އަތުން ތަށި އަތުލުމަށްފަހު މޮރޮކޯއަކީ އެ މުބާރާތުގެ ޗެމްޕިއަނުން ކަމަށް އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކެފް) އިން ނިންމައިފި އެވެ.

ކެފް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އިދާރާގެ އެޕީލްސް ބޯޑުން ނިންމާފައިވަނީ ސެނެގާލް 1-0 އިން މޮޅުވި މެޗަކީ އެ ޓީމު ބަލިވި މެޗެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މި ނިންމުމާއެކު، މުބާރާތް ބޭއްވި ގައުމު ކަމަށްވާ މޮރޮކޯ 3-0 އިން މޮޅުވި ކަމަށް މިހާރު ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗަކީ ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގި މެޗެކެވެ. މެޗުގެ ތެރެއިން 15 މިނެޓަށް ކުޅުން މެދުކަނޑާލަން ޖެހުނުއިރު، އަލުން ކުޅުން ފެށުމަށްފަހު މޮރޮކޯގެ ބްރަހީމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ޕާޕޭ ގޭއި ޖެހި ލަނޑާއެކު ސެނެގާލުން ވަނީ ދެވަނަ ފަހަރަށް އެފްރިކާގެ ރަސްކަން ހޯދާފަ އެވެ.

މައްސަލަ ބޮޑުވި މި ފައިނަލް މެޗުގައި ސަޕޯޓަރުން ދަނޑަށް އަރަން މަސައްކަތް ކުރުމާއި، ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގުމުގެ އިތުރުން މީޑިއާ އޭރިއާގައި ދެ ގައުމުގެ ނޫސްވެރިންގެ މެދުގައިވެސް ކުރިމަތިލުންތަކެއް ހިނގިއެވެ. މީގެ އިތުރުން، ސެނެގާލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސަމާލުކަން ގެއްލުވާލުމަށް މޮރޮކޯގެ ބޯލް ބޯއީން އޭނާ ގެންގުޅުނު ތުވާލި އަތުލަން މަސައްކަތް ކުރި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

މިދިޔަ ޖެނުއަރީ މަހު ޑިސިޕްލިނަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ކުޅުންތެރިންނާއި އޮފިޝަލުން ސަސްޕެންޑްކޮށް، 1 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރި ނަމަވެސް، އޭރު މެޗުގެ ނަތީޖާއަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހެޅުމުގެ ފުރުސަތު ސެނެގާލަށް އޮންނާނެއެވެ.