ވޯލްޑް ކަޕް މެޗުތައް މެކްސިކޯއަށް ބަދަލު ކޮށްދޭން އީރާނުން އެދުނު އެދުމަށް ފީފާއިން ނޫނެކޭ ބުނެފި
އީރާނުން މިގޮތަށް އެދިފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އެމެރިކާގައި މެޗުތައް ކުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ އެވެ. ފީފާގެ ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ވޯލްޑް ކަޕްގެ ރޭވުންތަކާ ގުޅޭގޮތުން އީރާނާއެކު ހުރިހާ މެންބަރު ގައުމުތަކާ ގަވާއިދުން މުއާމަލާތް ކުރަމުންދާ ކަމަށާއި، ހުރިހާ ޓީމުތަކުން ވެސް ތާވަލާ އެއްގޮތަށް މެޗުތައް ކުޅޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ޓީމަށް އެމެރިކާއަށް އައުމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ގައުމުގައި ތިބުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ވާހަކަތަކާ ގުޅިގެން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ ވޯލްޑް ކަޕުން އީރާނު ބޭރުކޮށްލުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ.
އީރާނުގެ ފުޓްބޯޅަ އިސްވެރިޔާ މެހްދީ ތާޖް ވިދާޅުވީ، އީރާނު ޓީމުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް ޓްރަމްޕް ސާފުކޮށް ވިދާޅުވެފައިވާތީ، އެމެރިކާއަށް ދަތުރު ނުކުރާނެ ކަމަށެވެ. އަދި މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު ވަނީ ވިސާ ދޫކުރުމުގައާއި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން އެއްބާރުލުން ނުދޭތީ އެކަން ކުށްވެރިކުރައްވާފައެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވީ، އީރާނުގެ ފުރަތަމަ ބުރުގެ މެޗުތައް ބޭއްވުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް އެކަމުގައި ފީފާގެ ނިންމުމަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އުތުރު އެމެރިކާގެ ތިން ގައުމު ކަމަށް ވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފުރަތަމަ މުބާރާތެވެ.
އީރާނަކީ ޖަޕާނަށްފަހު މި މުބާރާތަށް ކޮލިފައިވި އޭޝިއާގެ ދެވަނަ ގައުމެވެ. މިހާރު އޮތް ތާވަލް ބުނާގޮތުން އީރާނުން ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުތައް އޮތީ ލޮސް އެންޖެލިސްގައެވެ. އަދި މިސްރާ ދެކޮޅަށް ކުޅޭ މެޗު އޮތީ ސިއެޓްލްގައެވެ.
Ads by MACL
