ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީ ދޮރުން ދޮރަށް ހަރަކާތް: މައްޗަންގޮޅީ މެދު ދާއިރާއިން ލިބުނީ އިތުބާރާއި ޔަގީންކަން

މިއަދުގެ ދޮރުން ދޮރަށް ހަރަކާތް
މިއަދުގެ ދޮރުން ދޮރަށް ހަރަކާތް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދަވާ ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ މެދު ދާއިރާއަށް ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ދޮރުން ދޮރަށް ހަރަކާތްތައް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެފަހުން މާލެ ސަރަޙައްދުގެ ހުރިހާ ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ ދާއިރާތައް ވެސް ހިމެނޭހެންނެވެ.

މިއަދުގެ ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައްޗަންގޮޅީ މެދު ދާއިރާގެ ވަރަށް ގިނަ ގޭބީސީތަކަށް ޒިޔާރަތް ކުރައްވާފަ އެވެ.

މީގެ އިތުރުން މަގުމަތީން ބައްދަލްވީ އެތައް ބަޔަކާއި ސަލާމް ކުރެއްވި އެވެ. ބައެއް ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި އެވެ.

ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންފައިވެއެވެ. އަދި، ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ މެންބަރުން ބައިވެރިވެފައިވެއެވެ.

ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.