ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެފްކޯން ތަށްޓާއި މެޑަލް އަނބުރާ ނުދޭނޭ ކަމަށް ސެނެގޯލުން ބުނެފި

އެފްކޯން ތަށްޓާއި މެޑަލް އަނބުރާ ނުދޭނޭ ކަމަށް ސެނެގޯލުން ބުނެފި

އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ތަށްޓާއި މެޑަލްތައް އަނބުރާ ދިނުމަށް ސެނެގާލުން ރަސްމީކޮށް އިންކާރުކޮށްފި އެވެ. މި ނިންމުމާއެކު ފުޓްބޯޅައިގެ ދުނިޔޭގައި މިކަމަށް ބޮޑު ސަމާލުކަމެއް މިވަނީ ހުއްޓިފައެވެ.

އެފްކޮންގެ ފައިނަލްގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެނެގޯލް އަތުން ތަށި އަތުލުމަށްފަހު، މޮރޮކޯއަކީ މުބާރާތުގެ ޗެމްޕިއަން ކަމުގައި އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ (ކެފް) އިން ކަނޑައަޅާފައި ވަނީ އަންގާރަ ދުވަހުގަ އެވެ.

ކެފް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕީލްސް ބޯޑުގެ ނިންމުމާއެކު ސެނެގޯލް ވަނީ މެޗު ދޫކޮށްލާފައި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ދެ މަސް ކުރިން ކުޅުނު ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ސެނެގޯލް ކާމިޔާބުކުރި ނަމަވެސް، މިހާރު ރަސްމީ ރެކޯޑުތަކުގައި މެޗުގެ ނަތީޖާއަކީ މުބާރާތް ބޭއްވި ޤައުމު ކަމަށްވާ މޮރޮކޯ 3-0 އިން މޮޅުވުން ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ޖެނުއަރީ 18 ވަނަ ދުވަހު ރަބާޓްގައި ކުޅުނު ފައިނަލް މެޗުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން، ސެނެގޯލްގެ ކޯޗު ޕާޕޭ ތިއޯގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ކުޅުންތެރިން ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން ދަނޑުން ފައިބާފައެވެ.

ގާތްގަނޑަކަށް 15 މިނެޓުގެ މެދުކެނޑުމަކަށްފަހު އަލުން ކުޅުން ފެށިއިރު، މޮރޮކޯގެ ފޯވާޑް ބްރާހިމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގޯލްގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ޕާޕޭ ގޭ ޖެހި ލަނޑާއެކު ސެނެގޯލް އިން ވަނީ ދެވަނަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން އޭރު ހޯދާފައެވެ.

މެޗުގެ ފޯރިގަދަވެފައިވަނިކޮށް ސަޕޯޓަރުން ދަނޑަށް ވަންނަން މަސައްކަތްކުރުމާއި، ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގުން ފަދަ ކަންކަން ފެނިގެންދިޔައެވެ. މީގެ އިތުރުން މީޑިއާ އޭރިއާގައި ދެ ޤައުމުގެ ނޫސްވެރިންގެ މެދުގައި މާރާމާރީ ހިންގުމާއި، ސެނެގޯލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީގެ ސަމާލުކަން ގެއްލުވާލުމަށްޓަކައި އޭނާ ބޭނުންކުރަމުންދިޔަ ތުވާލި މޮރޮކޯގެ ބޯލް ބޯއީން އަތުލަން އުޅުން ފަދަ އާދަޔާޚިލާފު ކަންތައްތަކެއް ވެސް ވަނީ ހިނގާފައެވެ.

ޖެނުއަރީ މަހު ބޭއްވި ޑިސިޕްލިނަރީ އަޑުއެހުމަށްފަހު، ކެފް އިން ވަނީ އެއް މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދަކުން ޖޫރިމަނާކޮށް، ދެ ޤައުމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދަބުދީފައެވެ.

ނަމަވެސް އޭރު މެޗުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް އިސްތިއުނާފު ކުރުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށަހެޅުމުގެ ފުރުސަތު ސެނެގޯލްއަށް މިހާރުވެސް އެބައޮތެވެ.

އެފްކޯން އިން ނިންމި މި ނިންމުމާއި ގުޅިގެން ސެނެގޯލްގެ ފަރާތުން ބުނެފައިވަނީ އެ ގައުމުން ހޯދާފައިވާ ތަށި އަނބުރާ ދިނުމަކީ އެއްވެސް ހާލެއްގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ ކަމަކަށް އެ ގައުމުން ދުވަހަކު ވެސް އެއްބަސް ނުވާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

"ކޮންމެ ނިންމުމެއް ނިންމި ނަމަވެސް، ކޮންމެ ބަޔަކު ބުނި ނަމަވެސް އެފްކޯން ތަށި އަނބުރާ ނުދޭނަން،" ސެނެގޯލްއިން ބުންޏެވެ.

މީގެ އިތުރުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ނިންމުމުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލީ ސަބަބުތައް މިހާތަނަށް ހާމަކޮށްފައި ނުވާތީ، މިކަން ހިގާފައިވާ ގޮތް މުޅިން ސާފުވެފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. މި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ފުޓްބޯޅައިގެ ގަވާއިދުތަކަށް އަންނާނެ ބަދަލުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.