އެއްދުވަހެއްގައި އިންތިޚާބު ބޭއްވުމުން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރިހަމަ 5 އަހަރު ލިބިގެންދާނެ: އެމްޕީ ކައްޕި
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ފާހަގަކުރައްވައި، އެކަމަށް ތާއީދުކުރެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) ގޮވާލައްވައިފި އެވެ. މި ބަދަލާއެކު ދައުލަތަށް ލިބޭނެ އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތަކަށް އޭނާ ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައްޕި ވިދާޅުވީ، ދެ އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ބަދަލުގައި އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. މިއީ ގައުމުގެ އިގްތިސާދަށް ލިބޭނެ ބޮޑު ލުޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން ލިބޭނެ އަނެއް ފައިދާއަކީ ގައުމުގެ އެތެރޭގެ ހަމަޖެހުން ގާއިމުވެ، އަބަދު ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި އުޅެންޖެހޭ އުޅުން ކުޑަވުން ކަމަށް ކައްޕި ވިދާޅުވިއެވެ.
"އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން މުޅި ގައުމުގެ އެތެރޭގެ ހަމަޖެހުން އަބަދުވެސް ގާއިމުވެ ސިޔާސީ ވާދަވެރިކަން ކުޑަވާނެ،" ކައްޕި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސަރުކާރުތަކުން އިންތިޚާބުތަކަށް ސަމާލުކަން ދޭންޖެހޭ މިންވަރު ކުޑަވެ، ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކައްޕި ވިދާޅުވި ގޮތުގައި މި ބަދަލާއެކު، ސަރުކާރަށް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރިހަމަ 5 އަހަރު ލިބިގެންދާނެ އެވެ.
Ads by BMLދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަކަމަށް ވޯޓު ދިނުމަށް އިލްތިމާސް ކުރައްވަމުން، މިއީ ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، މައި އިންތިޚާބު އެއްކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ އޭޕްރީލް 4 ވަނަ ދުވަހުއެވެ.
Ads by MACL
