މާލޭގެ 2 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ ޒުވާން ޙަޠީބުން
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގެ މައިދާންތަކާއި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ޢީދު ނަމާދު ކުރާނެ ބޭފުޅުން މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން ޒުވާން ޙަޠީބުން އިމާމުވެ ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމް އާއި ވިލިމާލެ ބޯޅަދަނޑު ސަރަހައްދުގައެވެ. މާފަންނު ސްޓޭޑިއަމްގައި އަލްޚާފިޡް އަބްދުﷲ ބިން އިމްޖާދު އިމާމުވެ ނަމާދު ކުރައްވާއިރު، ވިލިމާލޭގައި ނަމާދު ކުރައްވާނީ އަފްލާޙް އިސްމާޢިލް ރަޝީދެވެ.
މާލެ ސަރަހައްދުގެ އެހެން ސަރަހައްދުތަކުގައި ޢީދު ނަމާދު ކުރާނެ އިމާމުންނަކީ:
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް: އަލްޚާފިޡް ސަލްމާން މުޙައްމަދު ލަޠީފް
- މަސްޖިދު މަލިކި ސަލްމާން: އައްޝައިޚް ޙަސަން ތައުފީޤް
- ހުޅުމާލެ ފޭސް 1 (ސިންތެޓިކް ޓްރެކް): އައްޝައިޚް އަހްމަދު މައުމޫން
- ހުޅުމާލެ ފޭސް 2: އައްޝައިޚް ޢަބްދުﷲ ސަޢުދާން
މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސަރަހައްދުގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާއިރު، 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މޫސުން ގޯސްވެ މައިދާންތަކުގައި ނަމާދު ކުރެވޭ ފަދަ ހާލަތެއް ނެތްނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. ކުރިން 7:30 ގައި ނަމާދު ކުރި ނަމަވެސް، މިހާރު ގަޑި އަވަސްކޮށްފައިވަނީ އިރުގެ ހޫނުގަދަވުމުގެ ކުރިން ނަމާދު ނިންމާލުމަށެވެ. މިއީ ޚާއްޞަކޮށް މައިދާންތަކަށް ނަމާދަށްދާ ކުޑަކުދިންނާއި، އަންހެނުންނާއި، ދުވަސްވީ މީހުންނަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކުރުމަށް ގެނައި ބަދަލެކެވެ.
ޢީދު ނަމާދުގެ ބޮޑު ޖަމާއަތާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެންނާނީ އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުތަކަށެވެ. މިއީ ނަމާދަށް އެއްވާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
Ads by MACL
