އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމެންޓް" ކުރިއަށް ގެންދިއުމަށްޓަކައި އޮސްޓްރޭލިއާގެ އޭރޮނޯޓިކަލް އޮތޯރިޓީއާއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފެށި މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ދަތުރުތައް ބޭއްވުމަށް މިހާތަނަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތައް ނެތިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އަންނަނީ އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަމުންނެވެ. މި ދަތުރުތައް ފެށުމުން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންނަށާއި ދިވެހިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
Ads by MACL
