ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި
އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތްކަމަށާއި ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން ކޮންމެހެންވެސް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ރަމަޟާން މަހުގެ މަތިވެރި އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެކަމުގެ އުންމީދާއި، މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިފައިވާކަމުގެ އިތުބާރާއި ހިތްހަމަޖެހުމާއެކު ކަމަށެވެ. އަދި ޢީދަކީ އުފާކުރުމަށް އޮތް ދުވަހެއްކަން ފާހަގަކުރައްވައި، މި މުނާސަބަތުގައި ފާޅުކުރަންވީ އަޅުކަންތައް އަދާކުރެވުމުގެ އުފަލާއި، ނިކަމެތިންނަށް ދީލަތިވުމުގެ އުފާ ކަމަށް ރައީސް ވިދާޅުވިއެވެ.
އުފާ ފާޅުކުރުމުގައި މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމާއި، އެކަކު އަނެކަކަށް ހިތްހެޔޮކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުމަށް ބާރުއަޅުއްވަމުން ރައީސް ވިދާޅުވީ، ރޯދަމަހަކީ ނަފުސުތަކަށް މުހިންމު ތަމްރީނުތަކެއް ލިބިގެންދިޔަ މަހެއް ކަމަށެވެ. އެގޮތުން ދޫތަކުން ހެޔޮ ބަސް ބުނުމާއި، ގުނަންތަކުން ހެޔޮ އަމަލުކުރުމާއި، އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަކީ ރޯދައިގެ މަދުރަސާއިން ލިބިދޭ ފިލާވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.
ރޯދަ މަސް ނިމުމަކީ އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުން ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޝައްވާލު މަހުގެ ހަ ރޯދައަކީ އަޅުވެރިކަމުގެ ދުވަސްތައް އަލުން ފަށައިގެން ކުރިއަށް ދިއުމަށް ލިބޭ ދަޢުވަތެއް ކަމަށެވެ. މިއީ ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބުމަށް އިސްލާމްދީން ބާރުއަޅާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، ރޯދަމަހުގެ ތަމްރީނުތަކުގެ އެހީގައި ހުރިހާ ވަގުތެއްގައިވެސް ކެތްތެރިކަން އިސްކުރުމަށާއި، އަޅުކަންތަކާ ދުރުހެލިނުވެ ހެޔޮ އަމަލުތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް ނަޞޭޙަތްތެރިވަމުންނެވެ.
Ads by MACL
