ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

'ޢީދު ހަވީރު 1447' ގައި އެމްއޭސީއެލްގެ 'ޒޫޓޯޕިއާ' ތީމް ހަރަކާތްތައް; މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި

މިދިޔަ އަހަރު ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ޢީދު ހަރަކާތުގެ ތެރެއިން
މިދިޔަ އަހަރު ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ޢީދު ހަރަކާތުގެ ތެރެއިން

މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ "ޢީދު ހަވީރު 1447" ފެސްޓިވަލްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރިޗު 20 ވާ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އެމް.އޭ.ސީ.އެލްގެ ސްޓޯލް ޤާއިމްކުރެވިފައި ހުންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގަ އެވެ. މި ހަރަކާތްތައް ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެ އެވެ.

ޒޫޓޯޕިއާ ތީމްގެ ކުޅިވަރުތަކާއި ޚާއްޞަ ހަރަކާތްތައް


މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ޚާއްޞަކޮށްގެން "ޒޫޓޯޕިއާ" ތީމަށް ފަރުމާކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ޒޫޓޯޕިއާގެ މަޝްހޫރު ކެރެކްޓަރ މެސްކޮޓްތައް ހަރަކާތްތެރިވަމުންދާނެ އެވެ. މި ސްޓޯލްގެ އެންމެ ޚާއްޞަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެވެ.

މީގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތައް މި ސަރަހައްދުގައި ހިމެނެއެވެ. އޭގެ ތެރޭގައި "އެކްސް ތްރޯއިންގ" (ކޮޅުފިލި އުކުން)، "ރެކިންގ ބޯލް"، އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ޝައުޤުވެރި ކުޅިވަރުތައް ހިމެނެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ޢީދު ފަދަ ޚާއްޞަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި ޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމެވެ.

ޢީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެމް.އޭ.ސީ.އެލްގެ އަމާޒަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮތު މެވެ.

މި ފެސްޓިވަލަކީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ރައްޔިތުންނަށް އުފާވެރި މާޙައުލެއް ބިނާކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.