ރައީސްގެ ދެމަފިރިކަނބަލުން ހުރިހާ ރައްޔިތުންނަށް ފިތުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި
1447 ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ހުރިހާ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފި އެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ވަކިވަކިން މީސްމީޑިޔާގެ މަންސަތަކުގައި ތަހުނިޔާގެ މެސެޖުތައް ޝާއިއުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ޢީދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަގާފަތާއި ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ވަރަށް ހާއްސަ މުނާސަބަތެއް ކަމަށެވެ.
މުސްލިމުންނަށް އަންނަ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖުތަމައާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯއްވަހިތަކަށް ވުމަކީ އަބަދުވެސް އުންމީދުކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢީދުތަކަކީ ކާބަފައި ޒަމާނުއްސުރެ ޢީދާ ގުޅިފައިވާ އާދަތައް ދިރުވައި އާލާކޮށް، ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހެދުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝާއިއުކުރެއްވި މެސެޖުގައި، ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ހުރިހާ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ވަނީ އަރިސްކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލެއާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޢީދު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. މިގޮތުން ސަރުކާރުގެ އިސްނެގުމާއި ބައިވެރިވުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
Ads by MACL
