ރަމަޟާން މަސް ނިމިއްޖެ؛ ދެން ދޭ ހަމަލާތައް ވެގެންދާނީ ޔަހޫދީންނަށް ވޭން ހުރި އަދި ބިރުވެރި ހަމަލާތަކަކަށް: އީރާން
ބަރަކާތްތެރި ރަމަޟާން މަހަކީ ހަނގުރާމަކުރުން މަނާ މަހަކަށް ވުމުން، އެ މުއްދަތުގެ ތެރޭގައި ބައެއް ބާވަތުގެ ހަތިޔާރު ބޭނުންކުރުމުން ދުރުހެލިވި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
އީރާނުން ބުނި ގޮތުގައި ރަމަޟާން މަހުގެ އިހުތިރާމް ހިފެހެއްޓުމުގެ ގޮތުން އަސްކަރީ ބައެއް ވަސީލަތްތައް ބޭނުންކުރުން އޮތީ މަޑުޖައްސާލާފައެވެ.
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ރަމަޟާން މަސް ނިމިފައިވާތީ، ކުރިއަށް އޮތް ތަނުގައި އީރާނުގެ އަސްކަރީ ގާބިލުކަން ފެނިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އީރާނުގެ ދުޝްމަނުންނާއި، އެގައުމާ އެކުވެރި ގައުމުތަކަށްވެސް ބޮޑު ހައިރާންކަމެއް ލިބިގެންދާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
"ރަމަޟާން މަސް ނިމުމާއެކު، ދުޝްމަނުންނާއި ެމީހުންނަށް ބައިއަތު ހިފާ އެމީޙުންގެ އެކުވެރިންވެސް ބިރުގަންނަ ފަދަ ނުރައްކާތެރި ކަންތައްތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ. އެބައިމީހުން އެކަމާ ރޮއެ ހިތާމަކުރާނެ،" އީރާނުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި އިންޒާރާއެކު ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އީރާނުން ބޭނުންކުރަން ނިންމާފައިވަނީ ކޮން ކަހަލަ ހަތިޔާރުތަކެއް ކަމެއް ސާފުކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ދުޝްމަނުންނަށް ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
Ads by BML
Ads by MACL
