ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާތް الله ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން، އިންސާނާ އެންމެ އަވަހަށް ހަނދާން ނައްތާލާ، އެއް ނިޢުމަތަކީ ވަގުތުގެ ނިޢުމަތް: ޚުތުބާ

މާތް الله ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން، އިންސާނާ އެންމެ އަވަހަށް ހަނދާން ނައްތާލާ، އެއް ނިޢުމަތަކީ ވަގުތުގެ ނިޢުމަތް: ޚުތުބާ

މާތް الله އިންސާނާއަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން، އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އަދި އެންމެ ބޮޑަށް ފަރުވާކުޑަކުރާ އެއް ނިޢުމަތަކީ ވަގުތުގެ ނިޢުމަތް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި ކީރިތި މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅުން އެނގޭ ގޮތުގައި ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި ފަރުވާކުޑަކުރާ ދެ ނިޢުމަތަކީ ޞިއްޙަތާއި ހުސް ވަގުތު ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ވަރަށް ބޮޑުކަމަށާއި الله تَعَالَى ކީރިތި ޤުރްއާނުގައި ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި ހުވައި ވަޙީކުރައްވާފައިވުމުން، ވަގުތުގެ މަތިވެރިކަން ހާމަވެގެންދާ ކަމަށެވެ. އަދި الله تَعَالَى އެއްޗެއް ގަންދެއްވައި ބަސް ވަޙީކުރައްވަނީ އެކަލާނގެ ޙަޟުރަތުގައި އެކަމެއްގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.،ު

މުސްލިމް އަޚުންނޭވެ! މާތް الله ދެއްވި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ، ވަގުތުގެ ނިޢުމަތެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ." އެހެންކަމުން އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ވަރަށް ބޮޑެވެ. ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި الله تَعَالَى ހުވައި ވަޙީކުރައްވައިފައިވުމުން އެ ކަން ވަރަށް ރަނގަޅަށް ހާމަވެއެވެ." ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް الله އަށް ކިޔަމަންތެރިވުމުގައާއި، އީމާންކަމުގެ ރުކުންތައް ފުރިހަމަކުރުމުގައި ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ބަލަންޖެހޭ ކަމަށެވެ. ޚާއްޞަކޮށް ޤުރްއާން ކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ގާތްތިމާގެ މީހުންނަށް އެހީތެރިވުން ފަދަ ހެޔޮ ކަންކަމުގައި ވަގުތު ހޭދަކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ބުންޏެވެ. އަދި އިންސާނާ ދުނިޔޭގައި ހޭދަކުރާ ކޮންމެ ވަގުތަކީ އޭނާގެ އަޖަލާ ގާތްކުރުވާ ވަގުތެއްކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެ އެވެ.
" ޙަސަނުލް ބަޞްރީ ރަޙިމަހުالله ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާއީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވާ ދުވަހެކެވެ." އެހެންކަމުން ޣާފިލުކަމުގެ ނިދީގައި ވަނިކޮށް މަރު އައިސް ބައްދަލުކުރުމުގެ ކުރިން ހެޔޮ ޢަމަލުކުރުމަށް އަވަސްވެގަންނަންޖެހެއެވެ."

ކޮންމެ އިންސާނަކީވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އެގޮތުން މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ކޮންމެ އުންމަތަކަށް ވެސް ކަނޑައެޅިގެންވާ ވަގުތެއް (އަޖަލެއް) ވާކަމަށާއި، އެ ވަގުތު އައުމުން އެންމެ ހިނދުކޮޅަކަށް ވެސް ލަސް ނުކުރައްވާނޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ވީމާ، ދުނިޔޭގެ ޙަޔާތަކީ ޢަމަލުކުރުމުގެ މައިދާން ކަމުގައި ހަދައި، އާޚިރަތުގެ ބާއްޖަވެރިކަމަށް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.