ތިމަންނާމެން ނޫން ބަޔަކު ރަނގަޅު ކަމެއް ކުރިޔަސް ބަލައިނުގަތުމަކީ އެމްޑީޕީގެ ސިޔާސަތު: ޒަމީރު
ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ ނޫން ބަޔަކު ތިބެގެން ކުރާ ރަނގަޅު އެއްވެސް ކަމެއް ބަލައި ނުގަތުމަކީ އެ ޕާޓީގެ ސިޔާސަތުކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޒަމީރު ވަނީ އެމްޑީޕީއާ ހިޔާލު ތަފާތުވާން ޖެހުނު ސަބަބުތައް ހާމަކުރައްވާފަ އެވެ.
މެންބަރު ޒަމީރު ވިދާޅުވީ އެމްޑީޕީ ދޫކޮށްލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެ ޕާޓީގެ ސިޔާސަތުތައް އޭނާ ގަބޫލުކުރައްވާ ހަމަތަކާ ދުރަށް ދިއުން ކަމަށެވެ. އެގޮތުން، އެމްޑީޕީ ނޫން ބަޔަކު ވެރިކަމުގައި ތިބެގެން ގައުމާއި ރައްޔިތުންނަށްޓަކައި ކިތަންމެ ރަނގަޅު ކަމެއް ކުރި ނަމަވެސް، އެކަން ބަލައިނުގަނެ އެކަމާ ދެކޮޅަށް ތެދުވުމުގެ ސިޔާސަތަކީ ގަބޫލުކުރަން އުނދަގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުގެ ފިކުރު ބަދަލުވާންޖެހުނު އެއް ސަބަބު ތިއީ. ތިމަންނާމެން ނޫން ބަޔަކު ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެކަމެއް ތިމަންނާމެން ބަލައެއް ނުގަންނާނަމޭ. ތިމަންނާމެން ނޫން ބަޔަކު ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެކަމާ އިދިކޮޅަށޭ ތިމަންނާމެން ތެދުވާނީ. އިދިކޮޅުގައި ތިބޭހާ ދުވަހަކު މިގޮތަށޭ އަމަލުކުރާނީ،" ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން، 2008 ވަނަ އަހަރު އައު ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް އެމްޑީޕީން އަމަލުކުރީ މިފަދަ ގޮތަކަށް ކަމަށް ޒަމީރު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭރު ރައީސް މައުމޫނު ރިޔާސީ ނިޒާމަކަށް ތާއީދުކުރެއްވުމުން، އެމަނިކުފާނާ ދެކޮޅުވުމުގެ ގޮތުން އެމްޑީޕީން ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރި ކަމަށާއި، މިއީ އެ ޕާޓީގެ ނިޔަތް ސާފުވާ ކަމެއް ކަމަށެވެ.
Ads by BMLމިހާރު ކުރިއަށްދާ އިންތިހާބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އެމްޑީޕީން ދައްކާނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުން މިއަދު ތިބީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދުކޮށް "އާނއެކޭ" ބުނަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Ads by MACL
