ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާ-އިޒްރޭލަށް އީރާނުގެ އިންޒާރެއް: ކަލޭމެންގެ ސިފައިންނާއި އޮފިޝަލުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ރައްކާތެރިކަމެއް ނެތް

އެމެރިކާ-އިޒްރޭލަށް އީރާނުގެ އިންޒާރެއް: ކަލޭމެންގެ ސިފައިންނާއި އޮފިޝަލުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ރައްކާތެރިކަމެއް ނެތް

އެމެރިކާއާއި އިޒްރޭލުގެ އޮފިޝަލުންނާއި ސިފައިންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާރު ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ އީރާނުގެ އަސްކަރިއްޔާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުގެ ހަތިޔާރު އެޅި ސިފަައިންގެ ތަރުޖަމާނު އަބުލްފަޒްލް ޝެކަރްޗީ ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުގެ އިސްވެރިންނާއި ސިފައިންގެ ހަރަކާތްތައް އީރާނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެ ގައުމުތަކުގެ މަސްލަހަތު އޮތް ތަންތަނަށް އަމާޒުކޮށް ހަމަލާދީފާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ.

"މިއަދުން ފެށިގެން، ކަލޭމެންނާއި ބެހޭގޮތުން އަހަރެމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ޕާކުތަކާއި، މުނިފޫހިފިލުވާ ތަންތަނާއި، ފަތުރުވެރި މަންޒިލްތަކަކީ ވެސް ކަލޭމެނަށް އަމާން ތަންތަނެއް ނޫން،" ޝެކަރްޗީ ވިދާޅުވި އެވެ.

މީގެ އިތުރުން އީރާނުގެ ތަރުޖަމާނު ވަނީ އެމެރިކާއާއި އިޒްރޭލުގެ އޮފިޝަލުންނާއި، ކޮމާންޑަރުންނާއި، ޕައިލެޓުންގެ އިތުރުން ސިފައިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ހުރިހާ ފަރާތްތަކެއްގެ ހަރަކާތްތައް އީރާނުން އަންނަނީ މޮނިޓަރު ކުރަމުން ކަމަށެވެ.

މި އިންޒާރާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ނުތަނަވަސްކަން ބޮޑުވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި އީރާނުން އެމެރިކާއާއި އިސްރާއީލަށް ދިން އެންމެ ސީދާ އަދި ނުރައްކާތެރި އެއް އިންޒާރެވެ.