އީރާނުން އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި
އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ދުރު ރާސްތާގެ ދެ މިސައިލް ހަމަލާއެއް ފޮނުވާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.
އީރާނުން ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާއިރު، އެ ގައުމުން މީގެ ކުރިން ވަނީ އެތަނަށް ހަމަލަދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. މިއީ މެދުއިރުމައްޗާ ދުރުގައި އޮންނަ ސަރަހައްދަކަށް އީރާނުން މިފަދަ ހަމަލާއެއް ދޭން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.
ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން، އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ދަތުރުގެ މެދުތެރެއިން ފެއިލްވެފައިވާ ކަމަށާއި އަދި ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ މަނަވަރަކުން އެސްއެމް-3 މަރުކާގެ އިންޓަރސެޕްޓަރ މިސައިލެއް ފޮނުވާލާފައިވާ ކަމަށް އޮފިޝަލުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ ހަމަލާ އަމާޒަށް ވާސިލްވެ، އީރާނުގެ މިސައިލް ކާމިޔާބުކަމާއެކު ވައްޓާލެވުނުކަން އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
Ads by BMLމި ހަމަލާއާ ގުޅޭގޮތުން އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، ޑިއޭގޯ ގާސިއާއަށް ހަމަލާދޭން މަސައްކަތް ކުރުމަކީ އީރާނުގެ މިސައިލްތަކުގެ ރާސްތާ ކުރިން ހީކުރި ވަރަށް ވުރެ ދުރުކަން ހާމަވާ ކަމެކެވެ. މި ހަމަލާއިން ދޭހަވަނީ އީރާނުގެ މިސައިލްތަކަށް ގާތްގަނޑަކަށް 4،000 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމެވެ. މިއީ އެ ގައުމުން އާންމުކޮށް ހާމަކޮށްފައިވާ މިންވަރަށް ވުރެ މާ ދުރު ރާސްތާއެކެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރާ ގޮތުގައި މި ހަމަލާއަކީ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް އީރާނުގެ އަސްކަރީ ބާރު ދެއްކުމަށް ކުރި މަސައްކަތެކެވެ. ނަމަވެސް މި މިސައިލްތައް ފޮނުވާލި ސީދާ ގަޑިއެއް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ހާމަކޮށްފަ އެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒަށް އެއްވެސް ގެއްލުމެއް ލިބިފަނުވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މި މަރުކަޒަކީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ބޭނުންކުރާ ވަރަށް މުހިންމު ސްޓްރެޓީޖިކް މަރުކަޒެކެވެ.
Ads by MACL
