ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރަށް ވަފާތެރި ނޫން ކަމަށް ބުނެ އީރާނުގެ ތަރި ސަރުދާރު އަޒްމޫން ގައުމީ ޓީމުން ވަކިކޮށްފި

އީރާނުގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ސަރުދާރު އަޒްމޫން
އީރާނުގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ސަރުދާރު އަޒްމޫން

އީރާނުގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ސަރުދާރު އަޒްމޫން، ސަރުކާރަށް ވަފާތެރި ނުވި ކަމަށް ބުނެ ގައުމީ ޓީމުން ވަކިކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. މިއާއެކު ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އީރާނު ޓީމުން ކުޅުނު ނަމަވެސް އޭނާ ފެނުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ޔޫއޭއީގެ ދުބާއީ ކްލަބް، ޝަބާބް އަލް އަހްލީއަށް ކުޅެމުން އަންނަ އަޒްމޫންއާ މެދު އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހިތްހަމަނުޖެހުނީ، ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ އެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރުމާ ގުޅިގެންނެވެ. އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުން ވަނީ ޔޫއޭއީއަށް ރޮކެޓާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި، ގައުމީ ޓީމުގެ އިތުބާރު ހުރި މަސްދަރަކުން ވަނީ އަޒްމޫން ސްކޮޑުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަޒްމޫން ފަހުން އެ ފޮޓޯތައް ނެގި ނަމަވެސް، ދައުލަތުގެ ޓީވީން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ފުޓްބޯޅަ އެނަލިސްޓް މުހައްމަދު މިސާގީ ބުނި ގޮތުގައި އަޒްމޫންގެ އަމަލަކީ ގައުމަށް ވަފާތެރި ނުވުމުގެ އަމަލެކެވެ.

"މިއީ ވަރަށް ހިތާމަވެރި ކަމެއް. ވަގުތާއި ހާލަތަށް އެކަށީގެންވާ އަމަލަކީ ކޮބައިކަން ނޭނގޭ ވަރުގެ މީހަކަށް ގައުމީ ޓީމުގެ ޖާޒީ ހައްގެއް ނޫން،" މިސާގީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ފަހުރުވެރިކަމާއެކު ގައުމީ ސަލާމް ކިޔާ، ގައުމަށް އިހުތިރާމްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އުމުރުން 31 އަހަރުގެ އަޒްމޫންއަކީ އީރާނުގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިއެކެވެ. 2014 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ އަޒްމޫން ވަނީ 91 މެޗުން 57 ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ މީގެ ކުރިން ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގް، ޖަރުމަނުގެ ބަޔާ ލެވަކޫސަން އަދި އިޓަލީގެ ރޯމާއަށް ވެސް ކުޅެފަ އެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަޒްމޫންގެ އިތުރުން ޔޫއޭއީގައި ކުޅޭ މެހްދީ ގާއިދީ އާއި ކުރީގެ ކުޅުންތެރިޔާ ސޯރޫޝް ރަފީއީގެ މުދާތައް ހިފެހެއްޓުމަށް ވެސް މިހާރު ވަނީ އަމުރުކޮށްފަ އެވެ.