ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން ފީފާއިން އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކޮށްފި

ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން ފީފާއިން އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކޮށްފި

ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކަނޑައަޅާފައިވާ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) 150,000 ސްވިސް ފްރޭންކް (190,700 ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ ކްލަބެއް ކަމަށްވާ ބެއިޓާރު ގުދުސްގެ ސަޕޯޓަރުންގެ ފަރާތުން ފެންނަ "ނަސްލީ ތަފާތުކުރުމުގެ އަމަލުތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް އައިއެފްއޭ ނުކުޅެދިފައިވާ" ކަމަށެވެ.

މި މައްސަލަ ފީފާގެ ސަމާލުކަމަށް ގެނައީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

ފަލަސްތީނުން އެދުނީ އިޒްރޭލު ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ފީފާއިން އެ ފިޔަވަޅު އަޅާފައެއް ނުވެއެވެ. އެހެންނަމަވެސް، ފީފާގެ އަސާސީ މަގްސަދުތަކާ އައިއެފްއޭ އިން ޚިލާފުވެފައިވާކަން ފާހަގަކޮށް، ބެއިޓާރު ކްލަބުގެ ސަޕޯޓަރުން އަރަބި ކުޅުންތެރިންނަށް އަމާޒުކޮށް "ޓެރަރިސްޓް" ފަދަ ބަސްތައް ބޭނުންކޮށް ހަޅޭއްލެވުމަކީ ނިޒާމީ ގޮތެއްގައި ހިނގަމުންދާ ކަމެއްގެ ގޮތުގައި ފީފާއިން ވަނީ ސިފަކޮށްފަ އެވެ.

ފީފާގެ ރިޕޯޓުގައި ބުނެފައިވަނީ ބެއިޓާރު ކްލަބަކީ އިޒްރޭލުގެ ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް އައިއެފްއޭ ފެއިލްވެފައިވާ ކަމުގެ ކުޑަ މިސާލެއް ކަމަށެވެ. މިކަމާ ގުޅިގެން އައިއެފްއޭއަށް އިންޒާރު ދިނުމުގެ އިތުރުން، ކުރިއަށް އޮތް ފީފާގެ ތިން މެޗެއްގައި "ފުޓްބޯޅައިން ދުނިޔެ އެއްބައިކުރޭ - ތަފާތުކުރުންތަކަށް ނޫނެކޭ ބުނޭ" މި ޝިއާރު ޖަހާފައިވާ ބޮޑު ބެނާއެއް ދަނޑުގައި ހަރުކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، ޖޫރިމަނާގެ ތިންބައިކުޅަ އެއްބައި ޚަރަދުކުރަން ޖެހޭނީ ނަސްލީ ތަފާތުކުރުންތައް ހުއްޓުވުމަށް އެކުލަވާލާ ޕްލޭނެއް ތަންފީޒު ކުރުމަށެވެ. ހަމައެއާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އިސްރާއީލުގެ ކްލަބުތަކާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައިގައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް ނޭޅުމަށް ފީފާއިން ވަނީ ނިންމާފަ އެވެ.