އިންތިހާބުތައް އެއްދުވަހެއްގައި ބާއްވަން ހުޅުދޫ ރައްޔިތުންނަށް ”ފެނޭ“
ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުން ތާއީދުކުރާކަން ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީން މުޅި ރާއްޖޭގައި ކުރިއަށްގެންދާ "މަށަށް ފެނޭ" ކެމްޕޭނުގެ ދަށުން ހުޅުދޫގައި ބޭއްވި ހަރަކާތުގަ އެވެ.
ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ހަރަކާތުގައި، ހުޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތުގެ ތެރެއިން ރައްޔިތުން އެއް އަޑަކުން ގޮވާލަމުންދިޔައީ "ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން މަށަށް ފެނޭ" މިހެންނެވެ.
Ads by BML
ހުޅުދޫގައި ކުރިޔަށް ގެންދިޔަ މަށަށް ފެނޭ ކެމްޕޭނު ހަރަކާތުގެ ތެރެއިން.
މި ކެމްޕޭން ހަރަކާތުގެ އިތުރުން، މި އަހަރުގެ ފިތުރު އީދާ ގުޅުވައިގެން މެމްބަރު ޝާޑުގެ އިސްނެންގެވުމުގެ މަތިން ގިނަ ހަރަކާތްތަކެއް ހުޅުދޫގައި ދަނީ ހިންގަމުންނެވެ. އެގޮތުން އިއްޔެ ބޭއްވި އީދު ސައިފޮދާއި، ބޮޑު ބާބަކިއު، ލެންޓިން އެރުވުން، ފެންކުޅި އަދި މަސްރޭހުގެ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ. އަދި ރޭ ވަނީ ހުޅުދޫ އާއި މީދޫ ބައްދަލުކުރި ފޯރިގަދަ ފުޓްސަލް މެޗެއްވެސް ކުޅެފަ އެވެ.

މިއަދު ހަވީރު 16:00 ގައި ހުޅުދޫ ކުޑަކުދިންގެ ޕާކުގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ބައިވެރިވާ ކުދިންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ލެޕްޓޮޕް، އައިޕޭޑް އަދި ސައިކަލު ފަދަ އަގުބޮޑު އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މެމްބަރު ޝާޑު އަކީ ދާއިރާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ހުރިހާ ހަރަކާތްތަކަކީވެސް ރައްޔިތުންނަށް އުފާވެރި އީދެއް ހޯދައިދިނުމަށާއި، ސިޔާސީ ގޮތުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
Ads by MACL
