އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ ސިޔާސަތު: ރައީސް
އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުން، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެހީތެރިވުމުގައި އޮތް ބޮޑު ދަރުމައާއި އަޖުރު ވެސް ބަޔާން ވެގެންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
Ads by BMLމި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، މުސްލިމަކަށް ވީތީ ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން ކަމަށެވެ. މީގެ އިތުރުން، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުޖުތަމައުގެ ހުރިހާ އަފްރާދުންގެ މަސްއޫލިއްޔަތެއްކަމަށްވެސް ވިދާޅުވި އެވެ.
މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ޝިއާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން ކަމަށެވެ. އަދި ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި މި އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަހަކީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ މި ދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" މިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިއަށް އޮތް ތަނުގައިވެސް އެންމެން ޝާމިލްވާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
Ads by MACL
