ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިދިޔަ ސަރުކާރުތަކަށް ވުރެ މި ސަރުކާރުން ދެ އަހަރުތެރޭ ނެރުނު ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅު: މަހުލޫފް

އަޙްމަދު މަހްލޫފް
އަޙްމަދު މަހްލޫފް

2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގާއިމުވި ސަރުކާރުތަކުގެ ފުރަތަމަ ދެ އަހަރާ އަޅާބަލާއިރު، މި ސަރުކާރުން މިހާރު ވެސް ބޮޑެތި ނަތީޖާތަކެއް ނެރެދީފައިވާ ކަމަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ މެދު ހެންވޭރު ދާއިރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދެވި 'ދޮރުން ދޮރަށް' ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މަހުލޫފް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ވައުދުތައް ނުފުއްދޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އޭނާ ވިދާޅުވީ އާންމުގޮތެއްގައި ކޮންމެ ސަރުކާރެއްގެ ވެސް މަޝްރޫއުތައް ނިމެން ފަށަނީ ތިންވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކަމަށާއި، ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތްތައް ހުރީ ވަރަށް ރަނގަޅު ހިސާބެއްގައި ކަމަށެވެ.

އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މަހުލޫފް ވިދާޅުވީ، މި ސަރުކާރުގެ ދައުރު ނިމެން އަދި ތިން ވަރަކަށް އަހަރު އޮތްއިރު، އަދި ނުނިމެއޭ، އަދި ނުފެށެއޭ، ލަސްވެއްޖެއޭ، ބުނާވަރެއް ނުވާނެ ކަމަށެވެ. އަދި މިދިޔަ ހުރިހާ ސަރުކާރަކަށް ވުރެ މި ސަރުކާރިގެ ދެ އަހަރު ޕްރޮޖެކްޓްތައް ނިމުނު މިންވަރު އަޅާކިޔާނަމަ ހަގީގަތުގައި އެ ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ބުރަ އުފުލަން ޖެހިފައިވަނީ މި ސަރުކާރަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ވަޒީރުކަން ވެސް ކުރައްވާފައިވާ މަހުލޫފް ވިދާޅުވީ، އޭނާގެ ވަޒީރުކަމުގައި ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ފަދައިން، މިހާރުގެ ސަރުކާރަށް ކުރިމަތިވެފައިވަނީ އިގްތިސާދީ ގޮންޖެހުންތަކެއް ކަމަށެވެ. މިފަދަ ހާލަތްތަކުގައި މަޝްރޫއުތައް ހިންގުމުގައި ދަތިތަކެއް ހުންނާނެކަން އެންމެންވެސް ގަބޫލުކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ރައީސް ޔާމީނާއި ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާ އަޅާކިޔާއިރު، މި ސަރުކާރުން ނެރެފައިވާ ނަތީޖާ ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާނީ މަޝްރޫއުތައް އަވަހަށް ނިމި އޭގެ ފައިދާ ލިބުން ކަމަށާއި، އެކަމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ބެހޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އަންނަނީ ރައްޔިތުންނަށް އޮޅުންފިލުވައިދެމުންނެވެ. މަހުލޫފްގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު އިތުބާރު އޮތްކަން ހާމަކުރައްވަމުންނެވެ.