މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ސީއެމްއީސީއާއެކު 3 އެމްއޯޔޫއެއްގައި ސޮއިކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު މިއަދު މުހިންމު ތިން ފަހުމުނާމާއެއްގައި (އެމްއޯޔޫ) ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާގައެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖްގެ ޤާބިލްކަން އިތުރުކުރުމާއި، މަސް ޕްރޮސެސްކޮށް ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމެވެ.
މި އެމްއޯޔޫތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
- ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖަކާއި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުން.
- ގދ. ތިނަދޫގައި މިފްކޯއިން ފަށާފައިވާ މަސްގަނެ، ފިނިކޮށް ރައްކާކުރުމުގެ މަޝްރޫޢު އިތުރަށް ފުރިހަމަކޮށް ފުޅާކުރުން.
- އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަނެ ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމާއި، އައްޑޫ ސިޓީގައި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް ބޭރުކުރުމަށް ބޭނުންވާ ފެކްޓަރީއެއް ޤާއިމުކުރުން.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސީއެމްއީސީއާއެކު ވެވުނު މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގައި ވެލިއުއެޑްކޮށް މަސް ބޭރުކުރުމަށް މަގުފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
Ads by BMLމި މަޝްރޫޢުތައް ނިމުމުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ އިތުރުކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
Ads by MACL
