އިރާނުގެ އެންމެ ބޮޑު ނިއުކްލިއަރ މަރުކަޒަށް ހަމަލާ ދީފި
އިރާނުގެ އެންމެ މުހިންމު އެއް ނިއުކްލިއަރ މަރުކަޒު ކަމަށްވާ ނަޠަންޒްގައި ހުންނަ ޔުރޭނިއަމް މުއްސަނދިކުރާ ފެސިލިޓީއަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފި ކަމަށް އިރާނުން ހާމަކޮށްފި އެވެ.
އިރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، ހޮނިހިރު ދުވަހުގެ ހެނދުނު ނަޠަންޒްގެ މަރުކަޒަށް ހަމަލާ އަމާޒުވެފައިވާ ކަމަށެވެ. ތެހެރާނާ ގާތްގަނޑަކަށް 220 ކިލޯމީޓަރު ދުރުގައި ހުންނަ "ޝަހީދު އަހުމަދީ ރޯޝަން" ނަމަކަށް ކިޔާ މި ފެސިލިޓީއަށް ދިން ހަމަލާގައި ނިއުކްލިއަރ އެއްވެސް މާއްދާއެއް ބޭރުވެފައި ނުވާ ކަމަށް އެ އިދާރާއިން ކަށަވަރުކޮށްދެ އެވެ.
ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ. އަދި ނިއުކްލިއަރ ރޭޑިއޭޝަން ބޭރުވިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް ކަމަށް އިރާނުގެ އޮފިޝަލުން ވިދާޅުވެއެވެ.
Ads by BMLއަލްޖަޒީރާގެ ރިޕޯޓަރު އަލީ ހާޝިމް ފާހަގަކުރި ގޮތުގައި، އިރާނުގެ ނިއުކްލިއަރ ގާބިލްކަން ނައްތާލުމަކީ ޓްރަމްޕްގެ ސަރުކާރުގެ މުހިންމު އަމާޒަކަށް ވުމުން، މިއީ ކުރިންވެސް ދޭނެ ކަމަށް ލަފާކުރެވުނު ހަމަލާއެކެވެ. އިރާނުގައި މިހާރު 400 ކިލޯގެ މުއްސަނދިކުރި ޔުރޭނިއަމް ހުރި އިރު، ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކޮށްފާނެ މާއްދާއެކެވެ.
ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީއިން ބުނީ މި ހަމަލާގެ މައުލޫމާތު އިރާނުން ހިއްސާކޮށްފައިވާ ކަމަށާއި، ރޭޑިއޭޝަން ލެވެލް މަތިވެފައި ނުވާ ކަމަށެވެ. އެ އެޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީ ވަނީ ނިއުކްލިއަރ ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި އަސްކަރީ ގޮތުން ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފަ އެވެ.
އެމެރިކާގެ ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ފެބްރުއަރީ 28 ގައި އިޒްރޭލާ ގުޅިގެން ފެށި މި ހަނގުރާމައިގެ މައިގަނޑު ބޭނުމަކީ އިރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުމެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި މި ހަމަލާގައި ނަޠަންޒްގެ ބައެއް އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ.
މި ހަމަލާއާ ގުޅިގެން ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. ނަމަވެސް، އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަނީ އާދީއްތަ ދުވަހުން ފެށިގެން އިރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އެޑްމިރަލް ބްރެޑް ކޫޕަރ ވިދާޅުވި ގޮތުގައި، މިހާތަނަށް އެމެރިކާ އިން ވަނީ އިރާނުގެ އަސްކަރީ 8,000 އަމާޒަކަށް ހަމަލާދީފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އިރާނުގެ އަސްކަރީ ގާބިލްކަން ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.
Ads by MACL
