ޓްރަމްޕްގެ އިންޒާރެއް އިރާނަށް: 24 ގަޑިއިރުގެ ތެރޭ ހޮރްމޫޒް ކަނޑުއޮޅި ނުހުޅުވައިފި ނަމަ، ހުރިހާ އިންޖީނުގެ ތައް އަޅިއަށް ހަދާލާނަން
ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން އެއްވެސް ބިރުދެއްކުމެއް ނެތި ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއރުތެރޭ އެކަން ނުކޮށްފިނަމަ، އީރާނުގެ އެކި އިންޖީނުގެތަކަށް ހަމަލާދީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާނެ ކަމަށާއި، އެންމެ ފުރަތަމަ ހަމަލާދޭނީ އެންމެ ބޮޑު އިންޖީނުގެއަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މި ނުތަނަވަސްކަން ބޮޑުވެފައިވަނީ އީރާނުން ފުރަތަމަ ފަހަރަށް ދުރު ރާސްތާގެ މިސައިލް ބޭނުންކޮށްގެން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ވަނީ އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް 4،000 ކިލޯމީޓަރުގެ ރާސްތާއެއްގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. މިއީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އީރާނުން މިފަދަ މިސައިލެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
އިސްރާއީލުގެ އަސްކަރީ ވެރިޔާ އީޔަލް ޒަމީރު ބުނީ ގޮތުގައި، މި މިސައިލްތަކަކީ ހަމައެކަނި އިސްރާއީލަށް އަމާޒުކޮށްފައިވާ އެއްޗެއް ނޫނެވެ. މި މިސައިލްތަކުގެ ރާސްތާ ޔޫރަޕްގެ ގައުމުތަކަށް ފޯރާ ކަމަށާއި، ބާލިން، ޕެރިސް އަދި ރޯމް ފަދަ ސިޓީތަކަށް މީގެ ނުރައްކާ އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ހަމަލާދީފައިވަނީ އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާއަށް ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އީރާނުން ވަނީ އިސްރާއީލުގެ ދިމޯނާ އަދި އަރާދު ސިޓީއަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ އަމާޒުކުރީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. އިސްރާއީލުގެ ނިއުކްލިއާ ރިއެކްޓަރު ހުންނަނީ މި ހަމަލާތައް އަމާޒުވި ސަރަހައްދާ ގާތްގަނޑަކަށް 13 ކިލޯމީޓަރު ދުރުގަ އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ ހަނގުރާމައިގައި ވަރަށް އުނދަގޫ ރެއެއް ކަމަށެވެ. އަދި ހުރިހާ ދިމާލަކުން ވެސް ދުޝްމަނުންނަށް ހަމަލާދިނުމުގައި އިސްރާއީލު ދެމިއޮންނާނެ ކަމަށް އޭނާ ބުންޏެވެ. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުން 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުން 15 މީހަކު ވަނީ މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
Ads by MACL
