ހަނގުރާމަ އިތުރު 10 ދުވަހަށް ދެމިގެން ގޮސްފިނަމަ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އަރާނެކަމުގެ އިންޒާރު ދީފި
އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމަ އިތުރު 10 ދުވަހަށް ދިގުލައިގެން ހިނގައްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިދާނެ ކަމަށް އީރާނުގެ ހަކަތައާ ބެހޭ މާހިރަކު ލަފާކޮށްފިއެވެ.
އީރާނުގެ އިންސްޓިޓިއުޝަން އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ގުޅުންހުރި ސީނިއާ އެނާޖީ ސްޓްރެޓެޖިސްޓް މަހުދީ އަރަބްސާދެގް މިކަން ހާމަކުރެއްވީ ފާރްސް ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވީ، ހަނގުރާމަ މިހާރު ހުރި މިސްރާބުން ކުރިއަށްދާނަމަ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ.
އަރަބްސާދެގް ފާހަގަކުރެއްވި ގޮތުގައި، އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ދުވާލަކު 21 މިލިއަން ފީފާގެ ތެޔޮ ސަޕްލައި ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLއޭނާ އިތުރަށް ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ 65 ޑޮލަރުގައި ކަމަށެވެ. ނަމަވެސް، އެ މަގު ބަންދުވުމާއެކު ތެލުގެ އަގު ވަނީ 119 ޑޮލަރަށް އުފުލިފައެވެ. މިއީ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އައި ބަދަލެކެވެ.
މި ހާލަތާ ގުޅިގެން، އެމެރިކާގެ ޓްރަމްޕް ވަނީ ކަނޑުމަގުން އީރާނުގެ ތެޔޮ ގަތުމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް 30 ދުވަހުގެ ލުޔެއް ދިނުމަށް ނިންމާފައެވެ. މިއީ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދިޔަ ނުދިނުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ސްޓްރެއިޓް އޮފް ހޯރްމޫޒަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާއިރު، އެ ސަރަހައްދުގެ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން މާހިރުން ފާހަގަކުރެއެވެ.
Ads by MACL
