އެމްބަސީގައި ތިބި އީރާނުގެ މުވައްޒަފުން 24 ގަޑިއިރުގެ ތެރޭ ގައުމުން ފޭބުމަށް ސައުދީން އަންގައިފި
ސައުދީ އަރަބިއްޔާގެ ސަރަހައްދުތަކަށް އީރާނުން މެދުނުކެނޑި ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ ގައުމުގައި ހުންނަވާ އީރާނުގެ މިލިޓަރީ އެޓާޝޭ އާއި އޭނާގެ އެހީތެރިޔާގެ އިތުރުން އެމްބަސީގެ ތިން މުވައްޒަފަކު 24 ގަޑިއިރުގެ ތެރޭގައި ގައުމުން ބޭރުވުމަށް ސައުދީ ސަރުކާރުން އަންގައިފިއެވެ.
ސައުދީ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަސް މީހުންނަކީ އެ ގައުމަށް ބޭނުންނުވާ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނީއްސުރެ، އީރާނުން ސައުދީއަށް އަމާޒުކޮށް ސަތޭކައަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ފޮނުވަމުންދާތީއެވެ. ސައުދީ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގެ ބޮޑު ބައެއް ވަނީ ދިފާއީ ނިޒާމުތަކުން ހުއްޓުވާފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އީރާނުގެ މި ހަމަލާތަކުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެ، ދެ ގައުމުގެ މިހާރުގެ އަދި ކުރިމަގުގެ ގުޅުމަށް މީގެ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު ސައުދީ ފޮރިން މިނިސްޓަރު ވަނީ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު ސައުދީއަށް ލިބިގެންވާ ކަމަށާއި، ފަހަކަށް އައިސް ދިން ހަމަލާތަކާ ގުޅިގެން ތެހެރާނާ މެދު އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.
Ads by BMLސައުދީ އާއި އީރާނުގެ މެދުގައި އޮތް ޒަމާންވީ ދެކޮޅުވެރިކަމަށްފަހު، 2023 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރީ ސަރަހައްދީ މަސްރަހު ފިނިކުރުމުގެ މަގުސަދުގައެވެ. ނަމަވެސް، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނާއި އީރާނުން އަވަށްޓެރި ގައުމުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތިން ތެލާއި ގޭސް އެކްސްޕޯޓް ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
Ads by MACL
