ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި ބާއްވަނީ

ބޭންކް އޮފް މޯލްޑިވްސްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި ބާއްވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް އެ ބޭންކުން ނިންމައިފި އެވެ. ބޭންކުން ނެރުނު އިއުލާނެއްގައިވާ ގޮތުން މި ޖަލްސާ އޮންނާނީ އެ ރޭ 9:00 ގައި ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގަ އެވެ.

މި އަހަރުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައިބްރިޑް މޮޑެލްއަކަށެވެ. އެގޮތުން ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ޖަލްސާއަށް ހާޟިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.

ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ މި ފުރުސަތު ބަންދުވާނީ މި ހިނގާ މާރިޗް މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ. ހިއްސާދާރުންނަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ވެސް ރަޖިސްޓަރީ ކުރެވޭނެ އެވެ.

މި ޖަލްސާގައި މުހިންމު ކަންތައްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ބޯނަސް ހިއްސާ ދޫކުރުމާއި، ހިއްސާ ބައިކުރުމުގެ އިތުރުން ބޭންކުގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުން ހިމެނެ އެވެ. މި ކަންކަމަކީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ފާސްކުރަންޖެހޭ ކަންކަން ކަމަށްވާތީ، ވީހާވެސް ގިނަ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް ބޭންކުން ވަނީ އެދިފަ އެވެ.

ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފަ އެވެ. އެގޮތުން ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ނިމިދިޔަ އަހަރަކީ ބޭންކުގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި އަހަރެވެ. އެގޮތުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޖުމްލަ 10 ބިލިއަން ރުފިޔާގެ އާ ލޯނާއި ފައިނޭންސިން ދޫކޮށްފައިވެއެވެ. އަދި 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވެސް ވަނީ 16 އިންސައްތަ އިތުރުވެފަ އެވެ.