ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭގެ ޕާކުތަކާއި މައިޒާންތައް އޮތީ ވީރާނާވާން ދޫކޮށްލާފަ، އެއީ ސީދާ މޭޔަރު އާޒިމްގެ އިހުމާލު: ނަރީޝް

އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެންޑް އެމްޕަވަރމަންޓް އަހްމަދު ނަރީޝް. ފޮޓޯ: އަސްލު
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެންޑް އެމްޕަވަރމަންޓް އަހްމަދު ނަރީޝް. ފޮޓޯ: އަސްލު

މާލެ ސިޓީގެ ޕާކުތަކާއި މައިޒާންތައް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށާއި، އެ ތަންތަނުން ފެންނަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިހުމާލު ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލު، ލޮނުޒިޔާރަތް ޕާކާއި އާޓިފިޝަލް ބީޗުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހުގައެވެ.

ނަރީޝް ވިދާޅުވީ މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ ހާލަތު މިހާރު އޮތް ގޮތަކީ މޭޔަރުކަމަށް އާޒިމް ވަޑައިގަތުމަށްފަހު، އެމަނިކުފާނު ބޭނުންވާހާ ގޮތަކަށް ކަންކަން ތަރުތީބުކުރުމުގެ ނަތީޖާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު، މިފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަކި ހާއްސަ ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު ބޭނުންވަނީ ގިނަ މީހުން ނުކުންނަ މިފަދަ ތަންތަން ރައްކާތެރިކަމާއެކު ބަލަހައްޓާނެ މޭޔަރެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ދެއްކެވި ނަމޫނާ ދައްކަވާނެ އެ މަސައްކަތްޕުޅު ކުރައްވާނެ މޭޔަރަކު އިންތިހާބުކޮށްދެއްވުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ. އެއީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު،" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަކީ ތަންތަން ވީރާނާވާން ދޫކޮށްލައްވާނެ ބޭފުޅެއް ނޫން ކަމަށާއި، އެއީ ކޮން ސަރުކާރަކުން ހެދި ތަނެއްތޯ ބެއްލެވުމެއް ނެތި، ރައްޔިތުން ބޭނުންކުރާ ތަންތަން މަރާމާތުކޮށް ދަމަހައްޓަން އެމަނިކުފާނު އިސްކަން ދެއްވާ ކަމަށެވެ. މާލޭގެ ޕާކުތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވީނަމަވެސް، މިހާރު އޮތް ކައުންސިލަށް އެކަން ނުކުރެވޭތީ ސަރުކާރުން މިހާރު ވަނީ އެ މަސައްކަތް ފަށާފައެވެ.

އެގޮތުން ޒަމާންތަކަކަށް އަޅާނުލެވި އޮތް ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރާ ޙަވާލުކޮށްގެން ކުރިއަށްދާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ.

ސަލްޓަން ޕާކު އަލުން ތަރައްޤީކުރާއިރު، ކުރިން ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ-ގޭމިންގ މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ. މިއީ މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.