ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

3,260 ފްލެޓު ލިބޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމަށް ޝަރުތުހަމަވާ މީހުންނަށް

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން އަޅާ 3،260 ހައުސިން ޔުނިޓް ލިބޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ 3،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން (ސީއެމްއީސީ) އާ ހަވާލުކުރި 1،224 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ބޯހިޔާވަހިކަމެއް ނެތް ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށެވެ. ވަކިން ހާއްސަގޮތެއްގައި ނިކަމެތި އަދި ދަތި ހާލުގައި އުޅޭ އާއިލާތަކަށް އިސްކަންދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ބޭންކުން މިހާރު އަޅަމުންދާ ތިން ކޮޓަރީގެ 3،260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ދޫކުރެވޭ ޔުނިޓްތަކެކެވެ. މި ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އާއިލީ ބޯހިޔާވަހިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަހަކު 60،000 ރުފިޔާއަށްވުރެ ދަށުގެ އާމްދަނީ ލިބޭ، ބޯހިޔާވަހިކަން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށެވެ.

"މި ފްލެޓުތައް ދެވިގެން ދާނީ ރެންޓު އޯން މޮޑެލްގެ ދަށުން. ބޭންކްގެ ތެރެއިން އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދެވޭ ފުރުސަތެއްގެ ގޮތުގައި. ކުލި ދައްކައި ދިރިއުޅެ، ވަކި ވަކި މުއްދަތަކުން އަމިއްލަ ކުރެވޭ އުސޫލުން. މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތު." މި މަޝްރޫއުގެ ދަށުން ފްލެޓުތައް ދޫކުރާނެ އުސޫލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ބޭންކުތަކާއި މާލީ އިދާރާތަކުން ސަރުކާރާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފަ އެވެ. ގައުމީ ބޭންކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފްލެޓުތައް ނިންމުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ މެދުތެރެއަށެވެ.