ތެލާއި ކާބޯތަކެތި ހޯދަން މަޝްވަރާ ކުރަނީ ވަކި ގައުމަކަށް ބަރޯސާނުވެ، ޑައިވަރސިފައިކޮށް: ޚަލީލު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދިގުލައިގެންދާނަމަ، ރައްޔިތުންނަށް ތަކުލީފެއް ނާންނާނެ ގޮތަށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި މަޝްވަރާތައް ކުރަމުން ދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ، ޑައިވަރސިފައި ކޮށް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި އުފައްދާފައިވާ ޚާއްސަ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ވަޒީރު ޚަލީލު ވިދާޅުވީ، ތެލުގެ ކަންކަމުގައި މަޝްވަރާތައް ކުރަމުން ގެނަދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ، އެ ޚިދުމަތް ހޯދުން ޑައިވަރސިފައި ކުރުމަށް ކަމަށެވެ. ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވުމާއެކު، ތެޔޮ ހޯދުމުގައި އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓްތަކާއެކު ކުރަމުންދާ މަސައްކަތްތައްވެސް މިހާރު ވަނީ އިތުރު ހަރުފަތަކަށް ގެންދެވިފައެވެ.
"ތެލުގެ ކަންކަމުގައި މަޝްވަރާ ކުރަމުންދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ އެ ޚިދުމަތް ހޯދުން ޑައިވަރސިފައިކުރަން. އަދި ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓް ތަކާއެކު ކުރަމުންދާ މަސައްކަތްތައްވެސް އިތުރު ހަރުފަތަކަށް ގެންދެވިއްޖެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ޕްލޭންތައް ދަނީ ހަދަމުން." ވަޒީރު ޚަލީލު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް، ތަކުލީފަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ކަމަށެވެ. އަދި ހަނގުރާމަ މިގޮތަށް ދިނުދެމިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާ ކުރަމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
Ads by BMLކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު ނުވަތަ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ ޕްލޭންތައްވެސް އެކުލަވާލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ސަލާމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޔޫއޭއީގެ ފުޖޭރާ ސަރަޙައްދުގައި ތިބި ތިން ދަރިވަރަކު ރައްކާތެރި ސަރަޙައްދުތަކަށް ގެންދިޔުމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން އެ ޤައުމުތަކުގެ ސަރުކާރުތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވަނީ ހަނގުރާމައިގެ އެއްވެސް ހަރަކާތަކަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރަން ހުއްދަ ނުދޭނެ ކަމަށާއި، އަދި މިހާތަނަށްވެސް އެފަދަ ހުއްދައެއް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.
Ads by MACL
