އައު މަޝްރޫޢުތައް ފެށުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާއަށް: ރައީސް
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑިވަޅުގައި ވެސް، އައު މަޝްރޫޢުތައް ފެށުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މި މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ވެސް ނާންނާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން މެޖޯރިޓީ މަޝްރޫޢުތަކުގައި މިހާރު ވަނީ ސޮއިކޮށް، މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިފައި ކަމަށެވެ.
"މެޖޯރިޓީ މަޝްރޫޢު ވަނީ ސޮއިކޮށްފައި. މިހާރު ހުރީ ބާކީ 35 އިންސައްތަ އާއި 40 އިންސައްތަ މަޝްރޫޢުގެ މަސައްކަތް. ދެން ބަލާނީ ޕްރިއޯރިޓީ ދޭންވީ މަސައްކަތްތަކަކީ ކޮބާތޯ،" ރައީސް ވިދާޅުވިއެވެ.
މަޝްރޫޢުތައް ތަރުތީބުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް އެންމެ މުހިންމު ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާގެ މަސައްކަތްތަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މަސައްކަތްތައް ތަރުތީބުކޮށް ބަދަލުތައް ގެންނާނީ އެ ބަދަލުތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރުވެސް އެކި މޮޑެލްތަކަށް މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހިލޭ އެހީގެ މަޝްރޫޢުތަކާއި، ބޭރުގެ ލޯނު އެހީގައި ހިންގާ މަސައްކަތްތަކުގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއަށް ކުރިއަށްގެންދާ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކުރިއަށްގެންދިއުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLމަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދިނުމާއެކު މަސައްކަތްތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އެހެން ނޫންނަމަ މުޅި ޤައުމު ހުއްޓުމަކަށް އައިސް، އޭގެ ގެއްލުން ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
Ads by MACL
