ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ތެލުގެ ސަބްސިޑީ ދޭން ފަށައިފި
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ މެދުވެރިކޮށް ވިއްކާ ތެލަށް މިއަދުން ފެށިގެން ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައި އެކަން އަމަލީގޮތުން ފަށައިފި އެވެ. މިއީ ބޮޑު ކަންނެލި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ނިންމި ނިންމުމެކެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށީގައި ހުންނަ އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެއެވެ. މީގެ ކުރިން ސަރުކާރުން ވައުދުވެފައިވަނީ ހުޅުމާލޭ ކަންނެލި ޖެޓީގައި ހުންނަ ޝެޑުން މި ޚިދުމަތް ދިނުމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މަސްވެރިންނަށް ލުއިތަކެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، ދިވެހިންނަށް ތެޔޮ ވިއްކާ އަގު ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
Ads by BMLމިވަގުތު އެސްޓީއޯ އިން ޕެޓްރޯލް ލިޓަރެއް 16.01 ރުފިޔާއަށް ވިއްކަމުންދާއިރު، ޑީސަލް ލިޓަރެއްގެ އަގަކީ 17.54 ރުފިޔާއެވެ. ސަރުކާރުން ދޭ ސަބްސިޑީއާއެކު މަސްވެރި އުޅަނދުތަކަށް މިއަށްވުރެ ހެޔޮ އަގުގައި ތެޔޮ ލިބިގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވި ގޮތުގައި، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތަށް އެސްޓީއޯ އިން އަންނަނީ ބަލަހައްޓަމުންނެވެ. މިއީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
Ads by MACL
