ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ މަންދޫބާ ދައްކާނެ ވާހަކައެއް ނޯންނާނެ: ރައީސް މުއިއްޒު

މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ މަންދޫބާ ދައްކާނެ ވާހަކައެއް ނޯންނާނެ: ރައީސް މުއިއްޒު

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ މަންދޫބާ ދައްކަވާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޒުރޭލު ފިޔަވައި އެހެން ކޮންމެ ގައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ކިޔާނެ ކަމަށާއި، އެ ނޫން ހުރިހާ ގައުމަކާއެކު ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ.

އެމެރިކާގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގަންނަވަން އެދިވަޑައިގަތުމުން އެ ފުރުސަތު ނުދިނުމަކީ ރާއްޖެއިން ކުރާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ފަރާތުން ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ މީގެ ދެ ދުވަސް ކުރިން ރާއްޖެ ވަޑައިގެންފައިވާއިރު، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެމެރިކާގެ މަންދޫބު ދައްކަވަން އުޅުއްވާ ވާހައަކީ ކޮބައިތޯ ބަލަން ބޭނުންވާ ކަމަށާއި މިހާރު ކުރިޔަށް ދާ ހަނގުރާމައާއި ގުޅިގެން ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ނޯންނާނޭ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމަ އަދި އެއްވެސް ހަނގުރާމައަކަށް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ހަނގުރާމައެއްގެ ބޭނުމަށް ރާއްޖޭގެ އެއްގަމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގައި އިޒުރޭލަށް އަމާޒުކޮށް ހަމަލާދިނުމަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިޒުރޭލަށް ކަމަށާއި، އިޒުރޭލަށް ރެއާއި ދުވާލު ހަމަލާދޭން ބޭނުންވާ ކަމަށެވެ.

އަރަބި މުސްލިމު ގައުމުތަކަށް ހަމަލާދިނުމުން މަރުވަނީ މުސްލިމުން ކަމަށާއި، ހަލާކުވަނީ މުސްލިމު ގައުމުތަކުގެ ތަންތަން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި، ސާޖިއޯ ގޯގެ މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގުޅުންތައް ބަދަހިކުރުމަށާއި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެއަށްފަހު ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.