މި ސަރުކާރަކީ އިންތިހާބާ ގުޅުވައިގެން ވޯޓު ހޯދުމުގެ ބޭނުމުގައި ވަޒީފާތައް ބަހާނެ ސަރުކާރެއް ނޫން: ރައީސް
މި ސަރުކާރަކީ އިންތިހާބާ ގުޅުވައިގެން ވޯޓު ހޯދުމުގެ ބޭނުމުގައި ވަޒީތައް ބަހައި އެފަދަ އެއްވެސް ކަމެއް ކުރާނޭ ކަރުކާރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި އެފަދަ ކަންކަން ކުރިޔަށް އޮތް ތަނުގައި ވެސް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ ބަހަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންތިހާބާ ދިމާކޮށް ކަންކަން ކުރި ބަޔަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ކަމަށެވެ.
އެގޮތުން އެ ސަރުކާރުގައި ފެނަކަ ފަދަ ކުންފުނިތަކުން ބޭނުމެއް ނެތް ގޮތުގައި އެތައް ބަޔަކަށް ވަޒީފާ ދިން ކަމަށާއި، އޭގެ ނޭދެވޭ އަސަރު މަސްވެރިކަމުގެ ދާއިރާއަށް ވެސް ކުރި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ވަޒީފާތަކަށް މީހުން ނަގަނީ ހަމައެކަނި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށާއި، އެއީ އެ މަސައްކަތްތައް ހުއްޓިއްޖެ ނަމަ ކޮންޓްރެކްޓަރަށާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިއުލާންކޮށްގެން ހޯދާ ވަޒީފާތަކަކީ ބަޖެޓުގައި ކަނޑައެޅިފައިވާ ވަޒީފާތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަކީ އިންތިހާބާ ގުޅިގެން ކަމެއްކުރާ މީހެއް ނޫން. އަޅުގަނޑު ގޮއްސިންތޯ އިންތިހާބާ ގުޅިގެން އެއްވެސް ރަށަކަށް ކެމްޕެއިނަށް. އެހެންވީމަ އިންތިހާބަކާ ގުޅިގެން މި ސަރުކާރަކުން ނުކުރާނެ އެއްވެސް ކަމެއް. އިންތިހާބާ ގުޅިގެން ކަންކުރާ ބައެއް ނޫން މިއީކީ،" އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކާއި މާލޭގެ އަވަށްތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވީ އިންތިހާބަކާ ގުޅިގެން ނޫން ކަމަށް ރައީސް ތަކުރާރުކުރެއްވި އެވެ. އަދި ސަރުކާރުން ހިންގާ އެއްވެސް ޕްރޮޖެކްޓެއް ފަށަނީ ނުވަތަ ކުރިއަށް ގެންދަނީ އިންތިހާބަށް އަމާޒުކޮށްގެން ނޫން ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
Ads by MACL
