އީރާނުގެ އިންޒާރާއި އެކު ގޮތް ހުސްވެ، އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާ ނުދޭން ޓްރަމްޕް އަމުރުކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރ އަދި އިންޖީނުގެތަކަށް ދެމުންދާ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކުރައްވައިފި އެވެ. މި ނިންމެވުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާ ކުރުމުގެ ފުރުސަތު ހޯދުމަށް ނިންމެވި ނިންމެވުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފަސް ދުވަހުގެ މުއްދަތަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފަހިކުރުމަށް ދެވޭ ފުރުސަތެއް ކަމަށް ވައިޓް ހައުސްއާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި މަޝްވަރާތައް ކުރިއަށްދާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.
މިކަމާ ގުޅިގެން އީރާނުން ބުނެފައިވަނީ ޓްރަމްޕާ އެކު އެއްވެސް ކަހަލަ ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށެވެ. އީރާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ޓްރަމްޕް މިފަދަ ނިންމެވުމެއް ނިންމެވީ އީރާނުން ގަލްފުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، އެކަމަށް ބިރުންނެވެ.
"ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަތީ ގަލްފުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނި ބުނުމަށް ބިރުން،" އީރާނުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އީރާނުން ތުހުމަތު ކުރާ ގޮތުގައި އެމެރިކާގެ މި ނިންމުމަކީ ސީދާ އީރާނުގެ އަސްކަރީ ބާރުގެ ސަބަބުން ނިންމި ނިންމުމެކެވެ.
Ads by BMLމި ހާލަތާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ. ކުރިއަށް އޮތް ފަސް ދުވަހަކީ މި ހަނގުރާމައިގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ މުހިންމު ދުވަސްތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
Ads by MACL
