ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީން ފްލެޓަށް އެދުމުގެ ފުރުޞަތު އެޕްރީލް 1ގައި ހުޅުވާލަނީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ލަސްކޮށްފި އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމަށް ކުރިން ނިންމާފައިވަނީ މި ހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ކެޓަގަރީގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚު އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިހާރު ލަސްކޮށްފައިވާ ކަމަށެވެ. މި ތާރީޚު ލަސްކުރި ސަބަބެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ކެޓަގަރީއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުން ހިމެނެއެވެ. މީގެ އިތުރުން، މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް އަމިއްލަ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ވޭތުވެދިޔަ 1 އަހަރު ދުވަހު މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީން ފުރުޞަތު އޮންނާނެއެވެ.
Ads by BMLއިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކެޓަގަރީއަށް ޚާއްޞަކޮށްފައިވަނީ ޖުމްލަ 100 ފްލެޓެވެ. ފްލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިއުލާނުގެ ޖަދުވަލުގައި ހިމެނިފައިވާނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީ، އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމެވެ.
ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ "ބޯހިޔާވަހިކަން" ޕޯޓަލް (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
Ads by MACL
