ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރަން މަޝްވަރާކޮށްފި

ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރަން މަޝްވަރާކޮށްފި

ރާއްޖެއަށް ބޭނުންވާ ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެސްޓީއޯ، އާސަންދަ، އެންއެސްޕީއޭ (އެންސްޕާ) އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ފަރާތުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. މިގޮތުން ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުމުގެ ޕްރޮސެސްތައް ސްޓްރީމްލައިންކޮށް، އެ ތަކެތި ލިބުން އަވަސްކުރެވޭނެ ގޮތްތަކަށް އަލިއަޅުއްވާލާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އެހެނިހެން ޞިއްޙީ ސާމާނު އެއްވެސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ސަރުކާރުން ބުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައްޔިތުންނަށް ލިބޭ ތަކުލީފުތައް ކުޑަކޮށް، ޞިއްޙީ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހަރުދަނާކަމާއެކު ކުރިއަށްގެންދާނެ ކަމަށެވެ.