ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އުޞޫލުތަކާއި ތަރައްޤީގެ މައްޗަށް: ރައީސް

ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އުޞޫލުތަކާއި ތަރައްޤީގެ މައްޗަށް: ރައީސް

ޕާކިސްތާނާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ އެއް ދީނަކަށް ތަބާވުމާއި، ދެ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއަށާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައެވެ.

ޕާކިސްތާނުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ކުރިއެރުމަށާއި ސަރަޙައްދީ ތަރައްޤީއަށް ދެ ޤައުމުން ގެންގުޅޭ އެއްގޮތް އުންމީދުތަކާއެކު، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބައިނަލްއަޤުވާމީ މައިދާނުގައާއި ދެ ޤައުމުގެ ދެމެދުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ.

ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، 1966 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން، ބަދަހި އަދި ބިނާކުރަނިވި ގުޅުމެއް ދަމަހައްޓަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ ރޫހުގެ ސަބަބުންނާއި، ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން މި ގުޅުން އިތުރަށް ވަރުގަދަވެފައިވޭ،" ރައީސްގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.

ޕާކިސްތާން ދުވަހަކީ އެ ޤައުމުގެ ތާރީޚުގައި މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ޕާކިސްތާނު ދައުލަތެއްގެ ގޮތުގައި އުފެދި، 1956 ވަނަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހު ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޤާނޫނުއަސާސީ އެކުލަވާލުން ފާހަގަކުރުމުގެ ގޮތުންނެވެ.

ސިޓީފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ދެ ލީޑަރުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފައެވެ. އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަމާންކަމާއި ތަނަވަސްކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.