ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިއްދޫ ރައްޔިތުންނަށް އެމްޑީޕީން ދިނީ ދޯކާ، ފޮނި ވައުދުތައްވެ، ގެނެވުނު އެއްވެސް ތަރައްގީއެއް ނެތް: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ފޮޓޯ: ޕީއެންސީ
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ފޮޓޯ: ޕީއެންސީ

ހއ. ދިއްދޫ ރައްޔިތުންނަށް އެމްޑީޕީން ފާއިތުވި 15 އަހަރު ހެދީ ހުސް ދޮގު ކަމަށާއި، އެ ޕާޓީގެ ވެރިކަންތަކުގައި އެ ރަށަށް ގެނެވުނު އެއްވެސް ތަރައްގީއެއް ނެތް ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ދިއްދޫގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ ލޮބުވެތި ރައްޔިތުން ޕީއެންސީއަށް ވޯޓު ދޭންޖެހޭ ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި ކޮށްދޭން ވިދާޅުވި އެއްވެސް ކަމެއް އެ ފަސްގަނޑަށް ވެފައި ނެތުމުން ކަމަށެވެ.

"އަޅުގަނޑު އެދެން މިޖަލްސާ ނިމުމަށްފަހު އެމްޑީޕީން މިއިންތިހާބުގައި ވާދަކުރާ މީހުން އަޅުގަނޑާ ހަމައަށް އާދެބަލަ މިވެނި ކަމެކޭ ތިމަންނަމެން ކުރީ. ނުބުނެވޭނެ،" ޝުޖާއު ވިދާޅުވިއެވެ.

އެމްޑީޕީގެ ނާގާބިލުކަމުގެ މިސާލުތައް ދައްކަވަމުން ޝުޖާއު ފާހަގަކުރެއްވީ، ޕީޕީއެމްގެ ވެރިކަމުގައި ދިއްދޫގެ މަގުތައް ހަދަމުންދިޔައިރު އެކަމަށް ފާޑުކިޔައި، އެމްޑީޕީގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު އެންމެ މަގެއްވެސް ނުހެދި އޮތް ކަމެވެ. އަދި ނިމިދިޔަ ސަރުކާރުން 400 ހައުސިން ޔުނިޓާއި، ކޮލެޖަކާއި، ޓާޝަރީ ހޮސްޕިޓަލެއްގެ އިތުރުން އެއާޕޯޓެއް އަޅާނެ ކަމަށް ބުނި ނަމަވެސް އެއިން އެއްވެސް ކަމެއް ފުރިހަމަވެފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދު ވެވަޑައިގެންނެވި ވައުދުތަކާއި، ނިމިދިޔަ ދައުރުގައި ކުރީގެ ރައީސް ސޯލިހު ދިއްދޫގައި ދެ ފުޓުބޯޅަ ދަނޑު އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެންމެ ދަނޑެއްވެސް ނޭޅުނުކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އިސްލާމީ މަރުކަޒުގެ މަސައްކަތްވެސް ހުއްޓިފައި ހުއްޓާ 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އެ މަސައްކަތް ނިންމަވައިދެއްވީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މިހާރު ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ދިއްދޫގެ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ފީފާ މިންގަނޑަށް ފެތޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހު ކުންފުންޏަކާ ހަވާލުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގައި ދިއްދޫގެ ގޭބީސީތަކަށް އުފާވެރިކަން ގެނެސްދީފައިވާ ކަމަށާއި، ކުރީގެ އެއްވެސް ދައުރެއްގައި ނުއުފައްދާ މިންވަރަށް އެ ރަށުގައި ވަޒީފާގެ ފުރުސަތުތައް މިހާރު އުފައްދަމުންދާ ކަމަށެވެ.