ލޯތްބާއިއެކު، ފަސްޓްލޭޑީ މެޑަމް ސާޖިދާއަށް ތިނަދޫސިޓީ ކަނބަލުންނާއިއެކު އުފާވެރި ވަގުތުކޮޅެއް!
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގދ. ތިނަދޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ވަރަށް ހޫނު އަދި އޯގާތެރި މަރުޙަބާއެއް ކިޔައިފި އެވެ. މި ދަތުރުފުޅަކީ ތިނަދޫގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކަމަނާގެ ލޯތްބާއި ކުލުނު ރައްޔިތުންނަށް ހާމަކޮށްދެއްވި އުފާވެރި ދަތުރުފުޅަކަށް ވަނީ ވެފަ އެވެ.

މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ވަނީ ތިނަދޫ ސިޓީގައި ކުރިއަށްގެންދިޔަ ”ދޮރުން ދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގެން ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމާއެކު، އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އެކަމަނާ ވަނީ އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން ތިނަދޫގެ ބައެއް ގޭގެޔަށް ވަޑައިގެން، އާންމު ރައްޔިތުންގެ ހާލުބައްލަވައި ގާތް ގުޅުމެއް ބޭއްވެވިއެވެ.
Ads by BML
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލަކު ތިނަދޫގެ ރައްޔިތުންގެ ގާތަށް، ސީދާ ގޭގެޔަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން ތިނަދޫގެ ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހި، އުފާވެފައެވެ. ޚާއްޞަކޮށް ތިނަދޫ ސިޓީގެ ކަނބަލުންނާއެކު މެޑަމް ސާޖިދާ ހޭދަކުރެއްވި ވަގުތުކޮޅުތަކަކީ ވަރަށް އެކުވެރި އަދި އޯގާތެރި ވަގުތުކޮޅުތަކެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.

ރައްޔިތުންގެ ޝުޢޫރުތައް އަޑުއައްސަވައި، އެކަމަނާ ވަނީ ރައްޔިތުންނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރައްވާފައެވެ. ތިނަދޫގެ ރައްޔިތުން ވަނީ އެކަމަނާގެ ހިތްތިރިކަމާއި އޯގާތެރިކަމަށްޓަކައި ނުހަނު ބޮޑަށް ތައުރީފުކޮށްފައެވެ. މި ޒިޔާރަތުގެ ތެރެއިން ސާޖިދާ ވަނީ ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކެންޑިޑޭޓުންނާ ކެމްޕެއިނާ ގުޅޭ ގޮތުން އެކަމަނާ މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު އަޖީބުގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ހަފުލާގައިވެސް ރައީސްގެ އަނބިކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by MACL
