ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއަކީ ޓީބީ މަދު، ހަރުދަނާކަމާ އެކު ފަރުވާ ފޯރުކޮށްދޭ ގައުމެއް: ރައީސް

ރާއްޖެއަކީ ޓީބީ މަދު، ހަރުދަނާކަމާ އެކު ފަރުވާ ފޯރުކޮށްދޭ ގައުމެއް: ރައީސް

ނިސްބަތުން ޓީބީ މަދު އަދި ހަރުދަނާކަމާ އެކު ފަރުވާ ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޓީބީ އަކީ ބަލިން ރައްކާތެރިވެ، ފަރުވާ ކުރެވޭނެ ބައްޔަކަށްވިއަސް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަދިވެސް އެ ބަލީގެ އަސަރު ކުރާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ދުރާލާ ބަލި ދެނެގަނެ، އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދީފައިވާ ގައުމެކެވެ.

"ރާއްޖެއަކީ ޓީބީ ބަލި މަދު ގައުމަކަށްވުމާއި ދުރާލާ ބަލި ދެނެގަނެ، އަވަސް ފަރުވާއެއް ހޯދުމާއި ބަލި ދެނެގަތުމުގެ މަގު ފަހިކޮށްދީ، ބަލިން ރައްކާތެރިވުމުގެ ފުރުސަތު ފަހިކޮށްދޭ އަދި ބަލިން ސަލާމަތްވެފައިވާ އާބާދީއަށް ބޭނުންވާ ފަރުވާ ހަރުދަނާކަމާއެކު ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް،" ރައީސް ވިދާޅުވި އެވެ.

ޓީބީ ނައްތާލުމަށް ކުރާ މަސައްކަތުގައި މުޖުތަމައުގެ ބައިވެރިވުމާއި ހަރުދަނާ ސިއްހީ ނިޒާމެއްގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ޓީބީން ސަލާމަތްވެފައިވާ މުސްތަގުބަލެއް ހޯދުމަށް ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައު ގުޅިގެން އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތުގައި ދެމިތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ރާއްޖޭގައި 148 މީހަކަށް ޓީބީ ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. ރާއްޖެއިން އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރާ ހަމައަށް ޓީބީއަކީ އާއްމު ސިއްހަތަށް ނުރައްކާ ނުވާ މިންވަރަށް މަދުކުރުމަށެވެ. މީގެ އިތުރުން 100 ރަށަކުން ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ބެކްޓީރިއާއިން ޖެހޭ މި ބައްޔަކީ ވައިގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން، ބަރުދަން ލުއިވުން، ހުން އައުން އަދި މޭގައި ރިއްސުން ހިމެނެ އެވެ. ރާއްޖޭގައި 1994 އިން ފެށިގެން ޓީބީއަށް ފަރުވާ ދެމުން އަންނަނީ "ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް" އުސޫލުންނެވެ.

ޓީބީއަކީ މަދުވެގެން ހަ މަސް ދުވަހުގެ ފަރުވާއަކުން ފަސޭހަކުރެވޭ ބައްޔެކެވެ. ނަމަވެސް ފަރުވާ ފުރިހަމަނުކޮށްފި ނަމަ ބޭހަށް ނުގުޑާ ޓީބީއަށް ބަދަލުވުމުގެ ނުރައްކާ އޮން ކަމަށް ސިއްހީ މާހިރުން އިންޒާރު ދެއްވަ އެވެ.