ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން އެމެރިކާއާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދަން އެއްބަސްވެއްޖެ

އީރާނުން އެމެރިކާއާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދަން އެއްބަސްވެއްޖެ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއަށް ސިއްރު މައުލޫމާތު ދެއްވަމުން، އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި އެއްބަސްވުމަކަށް އައުމަށް އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ ހުއްދަ ދެއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މިކަން ހާމަކޮށްފައިވަނީ އިޒްރޭލުގެ ނޫހެއް ކަމަށްވާ ޔެދިއޯތު އަހްރޮނޮތުއާ ހަވާލާދީ އަލް އަރަބިއްޔާ ނޫހުންނެވެ.

މިދިޔަ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އައްޔަންކުރެވުނު މުޖްތަބާ ޚާމަނާއީ ވަނީ އެމެރިކާއާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ރުހުން ދެއްވާފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުން ބޭނުންވާ ޝަރުތުތަކާ އެއްގޮތަށް ހަނގުރާމަ އަވަހަށް ނިންމާލުމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، އީރާނުގެ އޮފިޝަލުންނާއެކު ކުރިއަށްދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ ފަދަ ވާހަކަތަކެއް ކަމަށް ފެންނާތީ، އީރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދޭނެ ކަމަށް ކުރިން ދެއްވާފައިވާ އިންޒާރު މިވަގުތަށް ފަސްކޮށްފައިވާ ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދަނީ އީރާނުގެ އެންމެ އިސް ފަރާތަކާއެކުގައި ކަމަށެވެ. ނަމަވެސް އެއީ އެ ގައުމުގެ ރޫހާނީ ލީޑަރު ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ދެކެވޭ ވާހަކަތައް އީރާނު ސަރުކާރުން ވަނީ ރަސްމީކޮށް ދޮގުކޮށްފަ އެވެ.