ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅު އޮފީސްތައް އުވާލި ނަމަވެސް އަތޮޅުތަކުގެ ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ: އާދަމް ޝަރީފް

އަތޮޅު އޮފީސްތައް އުވާލި ނަމަވެސް އަތޮޅުތަކުގެ ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ: އާދަމް ޝަރީފް

އަތޮޅު އޮފީސްތައް އުވާލުމަށް ސަރުކާރުން ނިންމެވި ނަމަވެސް، ރަށްރަށާއި އަތޮޅުތަކުގެ ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަތޮޅު ކައުންސިލްތަކާއި އޮފީސްތައް އުވާލުމަށްފަހު، އެ އިދާރާތަކުގެ ބަދަލުގައި ދެން ޤާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ގޮފިތަކެއް ނުވަތަ އޮފީސްތަކެއް ކަމަށެވެ. މި ބަދަލާއެކުވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް މަސައްކަތްތައް ބައްޓަންކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިދާރީ ބަދަލުގެ ސަބަބުން އެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާއަށް އެއްވެސް ކަހަލަ ގޮންޖެހުމެއް ކުރިމަތިނުވާނެއެވެ. އަދި އަތޮޅު އޮފީސްތަކުގައި ހުރި އެންމެހާ ތަކެއްޗާއި ވަސީލަތްތައްވެސް އަލަށް އުފައްދާ އޮފީސްތަކަށް ބަދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އާއްމުކޮށް ދޭ ހުރިހާ ޚިދުމަތްތައް ހަމަ ދެމުންދާނީ. އައިޑީ ކާޑު ހެއްދުމާއި އާއްމު އެހެނިހެން ޚިދުމަތްތައް. މުވައްޒަފުންނަށްވެސް ގޮންޖެހުމެއް ނުހުންނާނެ. އެ އޮފީހަށް އަތޮޅު އޮފީހުގެ އެންމެހާ ތަކެއްޗާއި ވަސީލަތްތައްވެސް ހަމަޖައްސާނީ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން އަތޮޅު އޮފީސްތަކަށް ލިބެމުންދާ އާމްދަނީއަށްވެސް މި ބަދަލުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށެވެ. އެގޮތުން ކުރިއެކޭވެސް އެއްފަދައިން އެ ފައިސާ އެ އުސޫލުގެ ދަށުން ލިބެމުންދާނެ ކަމަށް ވަޒީރު ކަށަވަރުކޮށްދެއްވިއެވެ.

މި ނިންމެވުމަކީ ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.