އަނިޔާގެ މައްސަލަ ހައްލުވެއްޖެ، މިހާރު މިހުރީ ވޯލްޑް ކަމަށް ތައްޔާރުވެގެން: އެމްބާޕޭ
ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، އެ އަނިޔާ މިހާރު މުޅިން ރަނގަޅުވެފައިވާ ކަމަށާއި ކުރިއަށް އޮތް ވޯލްޑް ކަޕްގައި ކުޅުމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ފޯވާޑް ހާމަކުރި ގޮތުގައި، އޭނާގެ ކެރިއަރުގައި އަނިޔާގެ މައްސަލަ ކުރިމަތިވި އެންމެ ދިގު މި މުއްދަތުގައި ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އަނިޔާގެ ސަބަބުން 54 ދުވަސް ކުޅުމާއި ދުރުގައި ހޭދަކުރަން ޖެހުނުއިރު، އެމްބާޕޭ ބުނީ ދުވަސްތައް ގުނަމުން ދިޔައީ ވަރަށް މާޔޫސްކަންމަތީގައި ކަމަށެވެ.
"އަނިޔާގައި 54 ދުވަސް ހޭދަވި. އެ ދުވަސްވަރު ވަރަށް ބޮޑަށް މާޔޫސްވެ، ރުޅިގަދަވެފައި ހުރީ. އަދި ވަރަށް ބޮޑަށް ހާސްކަންވެސް ކުރިމަތިވި،" ފްރާންސްގެ ކެޕްޓަން ބުންޏެވެ.
އެމްބާޕޭ އިތުރަށް ބުނީ އަނިޔާގެ މައްސަލަ މިހާރު އޮތީ އޭނާގެ ފަހަތުގައި ކަމަށާއި، މިހާރު އޭނާ ހުރީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. މިއީ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ފްރާންސް ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އަނިޔާއަށްފަހު އެމްބާޕޭ ވަނީ މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ. އަދި އާދިއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ 3-2 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައިވެސް އޭނާ ވަނީ 25 މިނެޓަށް ވުރެ ގިނަ އިރު ކުޅެފައެވެ.
Ads by BMLއެމްބާޕޭ އަކީ މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު 34 މެޗުން 38 ގޯލް ޖަހައިދީގެން އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.
ފްރާންސްގެ ގައުމީ ޓީމު އަންގާރަ ދުވަހު އެމެރިކާއަށް ފުރާއިރު، އެ ގައުމުގައި ބްރެޒިލް އަދި ކޮލަމްބިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތަކުގައި އެމްބާޕޭ ފެނިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
Ads by MACL
