ޓެކްސީ ލައިނަށް ހާއްސަ ކާރުތައް ރާއްޖެ ގެނެސްފި
އާންމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ފަށާ ޓެކްސީ ލައިނަށް ހާއްސަކުރި ޓެކްސީތަކުގެ ތެރެއިން ފުރަތަމަ ބެޗު ރާއްޖެ ގެނެސްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ މި ކާރުތައް ދައްކާލައިފަ އެވެ. އަދި އެ ކާރުތައް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވަނީ ބައްލަވާލައްވައިފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ރާއްޖެ ގެނައި ފުރަތަމަ ބެޗުގައި ހިމެނެނީ 6 ކާރެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މި ހިދުމަތް ދޭއިރު، ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީ އަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.
Ads by BMLޓެކްސީ ހިދުމަތް އަންނަ މަހު ފަށާއިރު، ޓެކްސީ ލައިނަށް ގުޅުމަށް ނަމްބަރެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. އެއީ 1655 އެވެ.
އެމްޓީސިސީން މިހާރު ގެންދަނީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އިންޓަވިއުތަކެއް ވެސް ބާއްވަމުންނެވެ. އަދި ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ ދިވެހިންނަށް ތަމްރީން ދިނުމުގެ މަސައްކަތް ވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

އެމްޓީސީސީން އޭރު ބުނީ 407 ޑްރައިވަރުން އެ ހިދުމަތަށް ނެރެން ބޭނުންވާ ކަމަށެވެ. މި ޑްރައިވަރުންގެ ތެރޭގައި ޕާޓްޓައިމްކޮށް ނަގާ 122 ޑްރައިވަރުން ހިމެނެއެވެ.

ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާނުއްސުރެ ދެމުން އަންނަ ހިދުމަތެކެވެ. ނަމަވެސް އާންމުންގެ ފަރާތުން އެކި ކަހަލަ ޝަކުވާތައް އަބަދުވެސް އާދެއެވެ. އެގޮތުން ދަތުރުތައް ނުނެގުމާއި، ބޭނުން އިރަކު ދަތުރެއް ކޮށްފައި ހުއްޓާލުން ފަދަ ޝަކުވާތައް އޮވެއެވެ.
ސަރުކާރުގެ ޓެކްސީލައިން ހިދުމަތުގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ދިނުމެވެ.
Ads by MACL
