ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއަށް ސިޔާސީ ހަމަޖެހުން ބޭނުންވޭ، އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމީ ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތް: މެމްބަރ އަލްސަން

ރާއްޖެއަށް ސިޔާސީ ހަމަޖެހުން ބޭނުންވޭ، އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމީ ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތް: މެމްބަރ އަލްސަން

ރާއްޖޭގައި ބޭއްވޭ ބޮޑެތި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމުގެ ސިޔާސީ ހަމަޖެހުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަލްސަން އަހުމަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޖީލުން ކުރިއަށްދާ ”މެމްބަރަށް ސުވާލެއް“ އިންޓަވިއުއަށް މެމްބަރު އަލްސަން ވިދާޅުވީ، ރާއްޖޭގައި މިހާރު ކަންކަން އޮތްގޮތުން ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިންތިޚާބެއް އޮންނާތީ، ގައުމު އަބަދުވެސް އޮންނަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ސިޔާސީ ވާދަވެރިކަމަށް ހޭދަކުރަންޖެހޭ ވަގުތު އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު އަލްސަންގެ ވިސްނުމަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ފަދަ ބޮޑެތި އިންތިޚާބުތައް އެކުއެކީގައި ބޭއްވުމެވެ. މިގޮތަށް އިންތިޚާބުތައް ބޭއްވުމުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމަށް ބޭނުންވަނީ ސިޔާސީ ހަމަޖެހުން. އަބަދު އިންތިޚާބުތަކެއްގެ ތެރޭގައި އުޅެންޖެހުމުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރޭ. އެހެންކަމުން، އެއްދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް،" މެމްބަރު އަލްސަން ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމަކީ އިދާރީ
ގޮތުންނާއި އިންތިޚާބުތައް ރޭވުމުގައި އުޅޭ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަން މެމްބަރު ފާހަގަކުރެއްވިއެވެ.

އިންތިޚާބުތަކަށް ސަރުކާރުން ކުރަންޖެހޭ ބޮޑު ޚަރަދު ސަލާމަތްވުމަކީ އެ ފައިސާ ގައުމުގެ ތަރައްގީގެ އެހެނިހެން ކަންކަމަށް، ޚާއްސަކޮށް ސިއްހީ އަދި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ބޭނުންކުރެވޭނެ މަގު ފަހިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު އަލްސަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަގިނައިން އިންތިޚާބުތައް ބޭއްވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ބަދަހިކަމަށްވެސް ބުރޫއަރައެވެ. ސިޔާސީ ގޮތުން ބައިބައިވުން އިތުރުވެ، އަވަށްޓެރިންނާއި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުންތަކަށް ހީނަރުކަން އަންނަ ކަމަށާއި، އިންތިޚާބުތައް އެއްކޮށްލުމުން މިފަދަ އިޖުތިމާއީ މައްސަލަތަކަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"އަޅުގަނޑުމެން މި ބަލަނީ ދުރު މުސްތަގުބަލަށް. ރައީސް
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަމަށް އިސްކަންދެއްވައިގެން ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން. މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫން، މިއީ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށްވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް،" އަލްސަން ވިދާޅުވިއެވެ.

މި ބަދަލާއެކު ސަރުކާރަށް ފަސް އަހަރުގެ ދައުރެއްގައި ހަމަޖެހިލައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ގަބޫލުކުރައްވައެވެ.

އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މިއަދު ގައުމުގެ ހާލަތު އޮތްގޮތުން މަޖިލީހުން ނިންމަންޖެހޭ އެންމެ މުހިންމު އެއް ނިންމުން ކަމަށެވެ. އަދި އެކަމަކަށް އޭނާގެ ހުރިހާ އެެއްބާރުލެއްވުން ދެއްވާނެކަމަށެވެ.