ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާރަށު ފެނަކަ އޮފީސް އިމާރާތުގެ މަޝްރޫއަކީ 3 ފަރާތަކަށް ފައިސާ ދޫކޮށްގެން އެމްޑީޕީން ހިންގާފައިވާ ބޮޑު ވައްކަމާއި ޚިޔާނާތުގެ ރަމްޒެއް: ޝުޖާއު

ބާރަށު ފެނަކަ އޮފީސް އިމާރާތުގެ މަޝްރޫއަކީ 3 ފަރާތަކަށް ފައިސާ ދޫކޮށްގެން އެމްޑީޕީން ހިންގާފައިވާ ބޮޑު ވައްކަމާއި ޚިޔާނާތުގެ ރަމްޒެއް: ޝުޖާއު

ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުގައި ހއ. ބާރަށުގައި ބިނާކުރަން ފެށި ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ މަޝްރޫއަކީ ބޮޑު ވައްކަމާއި ޚިޔާނާތުގެ ރަމްޒެއް ކަމަށާއި އެ މަޝްރޫއުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އިމާރާތުގެ މަސައްކަތް ތިން ތަފާތު ފަރާތަކާ ހަވާލުކޮށް، އެ ތިން ފަރާތަށްވެސް އެޑްވާންސް ފައިސާ ވަނީ ދޫކޮށްފަ އެވެ. ނަމަވެސް، މިހާތަނަށް ވެސް އިމާރާތުގެ މަސައްކަތް ނިމިފައި ނުވާއިރު، މިއީ ހިންގާފައިވާ ބޮޑު ވައްކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީ ސަރުކާރުން ބާރަށުގައި އަޅަން ފަށާ ނުނިމިވާ ފެނަކަ އޮފީސް އިމާރާތް
"މިއީ އެމްޑީޕީ ސަރުކާރުން ހއ.ބާރަށުގައި އަޅަންފަށާފައި ހުރި ފެނަކަ އޮފީސް އިމާރާތް. 3 ފަރާތަކަށް އެވޯޑްކޮށް 3 ފަރާތަށް ވެސް އެޑްވާންސް ފައިސާދީ، ހިންގާފައިވާ ބޮޑު ވައްކަމުގެ ރަމްޒެއް. އިމާރާތް ނިންމުމުގެ މަސައްކަތް ފެށެންއޮތީ ވެސް މިއިމާރާތް ނިންމަން ދޫކޮށްފައިވާ ފައިސާތަކަށް ވީގޮތް ހޯދާ ބެލުމަށްފަހު. މީގެ 3 އިމާރާތް ނިންމޭހާ ފައިސާ މިއިމާރާތަށް ހޭދަކޮށްފައިވޭ!." ޝުޖާއު ލިޔުއްވާފައިވެ އެވެ.
ބާރަށު ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް މިހާރު ހުއްޓިފައި ހުރި އިރު، މަސައްކަތް އަލުން ފެށެން އޮތީ މިހާތަނަށް ދޫކޮށްފައިވާ ފައިސާތަކަށް ވީގޮތް ރަނގަޅަށް ހޯދާ ބެލުމަށްފަހު ކަމަށްވެސް ޝުޖާ ވަނީ ވިދާޅުވެފައި އެވެ.
އެމްޑީޕީ ސަރުކާރުން ބާރަށުގައި އަޅަން ފަށާ ނުނިމިވާ ފެނަކަ އޮފީސް އިމާރާތް

މި މައްސަލައާ ގުޅިގެން ބާރަށުގެ ރައްޔިތުންނަށް މެމްބަރު ޝުޖާއު އިލްތިމާސްކޮށްފައިވަނީ، މިފަދަ ކަންކަމަށް ރިއާޔަތްކޮށް އެމް.ޑީ.ޕީއަށް ވޯޓު ނުދިނުމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދުކޮށް ވޯޓު ދިނުމަށްވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

މި އިމާރާތުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ފެނަކަ މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.