އީރާނަށް އެއްގަމު މަގުން އަރައިގަތުމަށް، އެމެރިކާގެ 82 ވަނަ އެއަރބޯން ޑިވިޜަންގެ ފައުޖުތައް މެދުއިރުމައްޗަށް!
އީރާނަށް އެއްގަމު މަގުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން، އެމެރިކާގެ ޕެންޓަގަންއިން އެ ގައުމުގެ 82 ވަނަ އެއަރބޯން ޑިވިޜަންގެ ފުލް އިންފެންޓްރީ ބްރިގޭޑެއް މެދުއިރުމައްޗަށް ފޮނުވުމަށް އަމުރުނެރެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ނިންމުމަކީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އެމެރިކާގެ 82 ވަނަ އެއަރބޯން ޑިވިޜަނަކީ ދުނިޔޭގެ ކޮންމެ ތަނަކަށްވެސް 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ފޮނުވޭ ފަދަ ގާބިލުކަން ލިބިފައިވާ، އަވަސް ފިޔަވަޅު އަޅާ ފައުޖެކެވެ. މި ފައުޖުގައި ގާތްގަނޑަކަށް 3,000 ސިފައިން ހިމެނޭއިރު، މިއީ ހަނގުރާމަވެރި މާހައުލުތަކުގައި ވައިގެ މަގުން އަރައިގަތުމަށް ހާއްސަ ތަމްރީނު ލިބިފައިވާ ފައުޖެވެ.
މި ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދުޝްމަނުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ވައިގެ މަގުން ފައިބައި، އެ ތަންތަން ހިފުމާއި، އެއަރޕޯޓްތަކާއި މުހިންމު ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. ޕެންޓަގަންގެ މި އަމުރާއެކު، މެދުއިރުމަތީގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
މި ޑިޕްލޯއިމަންޓާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ މިއީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. ނަމަވެސް، އީރާނާ ދެކޮޅަށް އެއްގަމު މަގުން ހަމަލާދީފާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އިތުރުވެފަ އެވެ.
Ads by MACL
