ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރެއާލްގެ މެޑިކަލް ޓީމުން މި ހެދީ ބޮޑު ގޯހެއް؛ އެމްޕާޕޭއަށް ވޯލްޑް ކަޕް ވެސް ގެއްލިދާނެ!

ރެއާލްގެ މެޑިކަލް ޓީމުން މި ހެދީ ބޮޑު ގޯހެއް؛ އެމްޕާޕޭއަށް ވޯލްޑް ކަޕް ވެސް ގެއްލިދާނެ!

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ އަނިޔާގެ މައްސަލައިގައި އެ ކްލަބުގެ މެޑިކަލް ޓީމުން ބޮޑު ގޯހެއް ހަދާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފްރާންސްގެ އާރް.އެމް.ސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމްބާޕޭގެ ކަކުލަށް ލިބުނު އަނިޔާ ދެނެގަތުމުގައި ހެދި މި ގޯހުގެ ސަބަބުން އޭނާގެ ކެރިއަރަށް ނުރައްކާވެ، ކުރިއަށް އޮތް ވޯލްޑް ކަޕް ފުރުސަތު ގެއްލުމުގެ ބިރުވެސް އޮތީ ހީވެފަ އެވެ.

އެމް.އާރް.އައި ހެދީ ނުބައި ފަޔަކަށް


ދަ އެތުލެޓިކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމުން އެމްބާޕޭގެ ފައިގެ އެމް.އާރް.އައި އެއް ހެދިއިރު، އޮޅިގެން ސްކޭން ކުރެވުނީ އަނިޔާވެފައިވާ ފައިގެ ބަދަލުގައި ސަލާމަތުން އޮތް އަނެއް ފައެވެ. މިކަމުގެ ސަބަބުން އެއްވެސް މައްސަލައެއް ނެތް ކަމަށް ނިންމައި އޭނާއަށް ކުޅުމުގެ ހުއްދަ ދެވުނެވެ. މި ހާދިސާއާ ގުޅިގެން އެމްބާޕޭ ވަރަށް ބޮޑަށް ރުޅިއައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަބަދު ތަދުވާތީ އެމްބާޕޭ ވަނީ ޕެރިހަށް ގޮސް ކަކުލުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދާފައެވެ. އެތަނުން ހެދި ޓެސްޓުތަކުން އަސްލު މައްސަލަ ދެނެގަނެވި، ހާއްސަ ކަސްރަތުތަކެއްގެ އެހީގައި އޭނާ މިހާރު ވަނީ އަލުން ދަނޑަށް އެނބުރި އައިސްފައެވެ. މި މައްސަލައާ ގުޅިގެން ރެއާލް މެޑްރިޑްގެ މެޑިކަލް ޑިޕާޓްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މެޑިކަލް ޓީމުގެ އިސްވެރިޔާ ޑރ. ނީކޯ މިހިޗް ވަނީ އަލުން މަގާމަށް އައްޔަންކޮށްފައެވެ.

މިއީ ބޮޑު ލަދުވެތިކަމެއް


އާރް.އެމް.ސީގެ ރިޕޯޓަރު ޑެނިއަލް ރިއޯލޯ މިކަމާ ގުޅިގެން ބުނެފައިވަނީ، މިއީ ރެއާލް މެޑްރިޑް ފަދަ ކްލަބަކަށް ވަރަށް ބޮޑު ލަދުވެތިކަމެއް ކަމަށެވެ. އެ ކުލަބުން ހެދި މި ގޯހުގެ ސަބަބުން އެމްބާޕޭގެ ކަކުލު ހުޅަށް ދާއިމީ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ބެލެވިފަ ކަމަށް އޭނާ ބުންޏެވެ. އެމްބާޕޭ ވަނީ އަސްލު މައްސަލަ ނޭނގި ތަދާއެކު ގިނަ މެޗުތަކެއް ވެސް މިހާރު ކުޅެފަ އެވެ.

މިކަމާ ގުޅިގެން އެމްބާޕޭ ބުނެފައިވަނީ އޭނާގެ ކަކުލުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

 "އަހަރެންގެ ކަކުލު ހުޅު މިހާރު ރަނގަޅު. ކަންކަން ދަނީ ރަނގަޅަށް. މިކަމާ ބެހޭގޮތުން އޮޅުން އަރާގޮތަށް ވާހަކަތަކެއް ދެކެވި ގޯސްތަކެއް ހެދިފައިވާކަން އެނގޭ،" އެމްބާޕޭ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މިއީ މަތީ ފަންތީގެ އެތުލީޓުންގެ ހަޔާތުގައި ކަންކަން ހިނގާ ގޮތް ކަމަށާއި، ކަންކަން ކަށަވަރު ނުކޮށް ވާހަކަ ދެއްކުމަކީ އާންމު ކަމެއް ކަމަށެވެ.