ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަލާޙް ލިވަޕޫލް ދޫކޮށްލަން ނިންމުން؛ މުސްތަޤުބަލާ މެދު ބޮޑެތި ސުވާލުތަކެއް!

ސަލާޙް ލިވަޕޫލް ދޫކޮށްލަން ނިންމުން؛ މުސްތަޤުބަލާ މެދު ބޮޑެތި ސުވާލުތަކެއް!

ލިވަޕޫލްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙް، މި ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ. ލިވަޕޫލާއެކު ހޭދަކުރި ކާމިޔާބު ނުވަ އަހަރަށްފަހު ޞަލާޙް ކްލަބް ދޫކޮށްލާނެކަން މިހާރު ވަނީ ރަސްމީކޮށް އިޢުލާންކޮށްފަ އެވެ.

ކްލަބުގެ ރަސްމީ ބަޔާން


ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސީޒަން ނިމުމުން ޞަލާޙް އެ ކްލަބާއެކު އޮތް އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށެވެ. މުޙައްމަދު ޞަލާޙް އޭނާގެ ލިވަޕޫލް ކެރިއަރު ނިންމާލާނީ މިހާރު ކުރިއަށްދާ ސީޒަނަށްފަހު ކަމަށް އެ ބަޔާނުގައިވެއެވެ. މި ނިންމުން އަވަހަށް އިޢުލާންކުރަން ޞަލާޙް ބޭނުންވީ ސަޕޯޓަރުންނަށް ކަންކަން ސާފުކޮށްދީ، އެމީހުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުންނެވެ.

2017 ވަނަ އަހަރު ރޯމާއިން ލިވަޕޫލާ ގުޅުނު ޞަލާޙް ވަނީ އެ ކްލަބަށް 435 މެޗުން 255 ގޯލު ޖަހައިދީފަ އެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޕްރިމިއާ ލީގު ދެ ފަހަރު، ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑް ކަޕް އަދި އެފްއޭ ކަޕް ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.

ސަލާހު ދެން ފެނިގެންދާނީ ކޮން ކްލަބަކުން؟


ޞަލާޙްގެ މުސްތަޤުބަލާ ގުޅޭގޮތުން މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އޭނާ ޔޫރަޕުން ބޭރަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ކަމަށް ބުނެ ދެކެވޭ ވާހަތަކެވެ. އޭގެ ތެރޭގައި ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލް އާއި އެމެރިކާގެ އެމްއެލްއެސްގެ ސެން ޑިއޭގޯ އަކީ ސަލާހު ދާނެ ކަމަށް ބެލެވޭ ދެ ކުލަބެވެ. މީގެ އިތުރުން ތުރުކީގެ ސުޕަ ލީގުގެ ގަލަތަސަރާއި، ފެނަރބާޗޭ އަދި ބެސިކްޓާސް އަކީވެސް ޞަލާޙަށް ބޮޑު މުސާރައެއް ދީގެން ގެންދަން ބޭނުންވާ ކްލަބްތަކެވެ.

އުމުރުން 34 އަހަރުގައިވެސް ޞަލާޙްގެ ފިޒިކަލް ފިޓްނަސް ވަރުގަދަކޮށް ހުރުމާއެކު، އޭނާ ބޭނުންވަނީ ވާދަވެރި މާޙައުލެއްގައި ކުޅުމަށެވެ. މި ސީޒަންގެ ބާކީ އޮތް ބައިގައި ޞަލާޙްގެ ފޯކަސް ހުރީ ލިވަޕޫލަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށެވެ. އޭނާގެ ކާމިޔާބީތައް ފާހަގަކުރުމުގެ ރަސްމީ ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސީޒަން ނިމުމުންނެވެ.